އިންޑިއާ ކަނޑުގެ ސަލާމަތާ ބެހޭ މަޝްވަރާއަށް ރާއްޖޭން ވެސް ބައިވެރިވާ، އައޯރާގެ 10ވަނަ ޑައިލޮގް ފަށައިފި

"ބަދަލުވަމުންދާ ދުނިޔެއެއްގައި އިންޑިއާ ކަނޑުގެ ސަރަހައްދު" މި ޝިއާރުގެ ދަށުން، 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގް މިއަދު އިންޑިއާގެ ނިއުދިއްލީގައި ފަށައިފިއެވެ. އަންނަ އަހަރުގެ ނިޔަލަށް އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައޯރާ)ގެ ރިޔާސަތު އިންޑިއާއިން ބަލަހައްޓަމުންދާއިރު، މި ބައްދަލުވުން ބާއްވަނީ އެ ގައުމުގެ އިސްނެގުމުގެ ދަށުންނެވެ. މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ މިނިސްޓާ ފޯ ޕޯޓްސް، ޝިޕިންގް އެންޑް ވޯޓާވޭސް، ސަރުބަނަންދާ ސޮނޮވަލް ވަނީ ވާހަކަދައްކަވައިފައެވެ. މީގެ އިތުރުން މޮރިޝަސްގެ ފޮރިން މިނިސްޓަރު ދަނަންޖޭ ރާމްފުލްއާއި ޔަމަނުގެ މިނިސްޓާ އޮފް ސްޓޭޓް ވަލީދު މުޙައްމަދު އަލް ގާދިމީ ވެސް ވާހަކަދެއްކެވިއެވެ. މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރަނީ ސަރަހައްދީ ގޮތުން އިސްކަންދޭ މުހިންމު ދާއިރާތައް ކަމަށްވާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، ބްލޫ އިކޮނޮމީ، މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުން، ގުޅުންތައް ބަދަހިކުރުން އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ފުޅާކުރުމާ ބެހޭގޮތުންނެވެ. މި ދާއިރާތަކަކީ އައޯރާގެ ރިޔާސަތުގައި އިންޑިއާއިން އިސްކަންދޭ "އިޖާދީ ވިސްނުން، ހުޅުވާލެވިފައިވުން، ސާބިތުކަން އަދި އަހުލުވެރިވުން" މި އަމާޒުތަކާ ގުޅިފައިވާ ކަންކަމެވެ. https://x.com/MDVinINDIA/status/2052377468208894372 މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އައިޝަތު އަޒީމާއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް މި މަތީ ފަންތީގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ޑައިލޮގަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއާއި އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް ގުޅިގެން ބާއްވާ އައޯރާގެ މުހިންމު ހަރަކާތެކެވެ. މި ފޯރަމްގެ "ކާރިސާތައް ބެލެހެއްޓުން" މި މައުޟޫއަށް ބޭއްވުނު ތިންވަނަ ސެޝަންގައި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން އެ ޖަމިއްޔާގެ ނައިބު ރައީސް މުޙައްމަދު ހޫދު އިބްރާހީމް ވަނީ ވާހަކަދައްކަވާފައެވެ. https://x.com/ICWA_NewDelhi/status/2052361750708900175 އިންޑިއާ ސަރުކާރާއި އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގެ ދައުވަތަކަށް ވަޑައިގެންނެވި ހޫދު، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމާއި އެކަމަށް ތައްޔާރުވުމުގައި ކުދި ގައުމުތަކުގެ ތަސައްވުރާއި، އިންސާނީ އެހީތެރިކަމަށް ކުރާ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިއީ އައޯރާގެ "ޓްރެކް 1.5" އިސްނެގުމުގެ ދަށުން ކުރިއަށްދާ ހަރަކާތެކެވެ. މި ފޯރަމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސަފީރުން އަދި މާހިރުން އެއްތަނަކުން ބައްދަލުވެ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ