މީކާއިލްގެ ސިޓީއެއް އެމްޑީޕީގެ އާންމު މެންބަރުންނަށް؛ 'ވަކި ލީޑަރަކަށް ތާއީދުކުރާ ޗެއާޕާސަނަކާ އެކު 2028 ގެއްލޭނެ'

ވަކި ލީޑަރަކަށް ތާއީދުކޮށްގެން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ޗެއާޕާސަނަކަށް އިންތިހާބުކޮށްފި ނަމަ އެމްޑީޕީ ބައިބައިވެ 2028ގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ގެއްލޭނެކަން ބަޔާންކުރައްވައި، އެ ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް އާންމު މެންބަރުންނަށް ރައްދުކޮށްފައިވާ ސިޓީއެއް އާންމުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އަންނަ މަހުގެ 12ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ތިން މީހަކު ކުރިމަތިލި ނަމަވެސް ވާދަވެރިކަން ބޮޑީ މީކާއީލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގަ އެވެ. އެ ގޮތުން:
ނަޝީދު ކެމްޕެއިންކުރައްވަނީ އެންމެ ފަހުން ޗެއާޕާސަން ކަމުގައި ހުންނެވި ފައްޔާޒު އިސްމާއީލާ އެކު؛ ފައްޔާޒު ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އަދި ފައްޔާޒަށް ތާއީދުކުރައްވާނެކަން  ނަޝީދު ވަނީ އިއުލާންކުރައްވާފައި
ނަޝީދާއި ފައްޔާޒު އެކުގައި ކެމްޕެއިންކުރައްވަމުން ގެންދަވަނީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން 'ބޮޑު ބަދަލު' ކިޔާ ޝިޔާރަކާ އެކު؛ އެ ބަދަލުގެ ތެރެއިން ފައްޔާޒު ސަރުކާރުގެ އެންމެ މަތީ ވެރިޔަކަށް އަދި ނަޝީދު ދައުލަތުގެ މަތީ ވެރިޔަކަށް ކުރިމަތިލުމަށް ދެ ބޭފުޅުން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިވޭ
ތަފްސީލް - މީކާއީލްގެ ހުޅުވާލާފައިވާ ސިޓީގައި ވިދާޅުވީ ޗެއާޕާސަންކަމަށް އޭނާ ވާދަކުރައްވާ މަގުސަދަކީ ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ޕާޓީއަށް އަލުން އަނބުރާ ހޯދައިދީ، 2028ގެ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދިނުން ކަމަށެވެ.
ރިޔާސީ އިންތިހާބު 2023 އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގައި އެމްޑީޕީ ނާކާމިޔާބުވެ، އެ ޕާޓީގެ އާންމު މެންބަރުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަން މީކާއިލް ފާހަގަކުރެއްވި އެވެ. އެ ގޮތުން:
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ އެކި ފެކްޝަންތަކުގެ ބައިބައިވުންތަކުގެ ސަބަބުން، ފެކްޝަންތަކުގެ ލީޑަރުން ޕާޓީގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރާ ކަމުގެ ތަސައްވުރެއް އާންމު މެންބަރުންގެ މެދުގައި ކުރެވިފައިވޭ
މީގެ ސަބަބުން އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހިޔާރުކުރަން ދަތިވެ، މެންބަރުންގެ ހިތްވަރާއި ޕާޓީގެ ފޯރިއަށް ނޭދެވޭ އަސަރުތަކެއް ކުރޭ
މި ހާލަތުގައި ވެސް ނިމިދިޔަ ލޯކަލް  ކައުންސިލްތަކުގެ އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުން އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ހޯދުނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުން ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ހުރި ކެންޑިޑޭޓަކު ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެ ނަމަ، ޕާޓީ އަނެއްކާވެސް ބައިބައިވެ، 2028ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ، ޕާޓީ އަނެއްކާވެސް މަގުމަތިވުމުގެ ބިރު ބޮޑެވެ،" މީކާއިލްގެ ސިޓީގައިވެ އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް އިންތިހާބުކޮށްފި ނަމަ ޕާޓީގެ ސަފުތައް ބަދަހިކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ - ނަޝީދުގެ ފެކްޝަނާއި ފައްޔާޒުގެ ފެކްޝަން އެކުގައި އޮތްއިރު، މީކާއިލްގެ ފަހަތުގައި ތިބީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނެވެ. ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ