"ބީއެމްއެލްގެ އުސޫލުތަކަށް ގެނައި ބަދަލާއި ސަރުކާރާ ގުޅުމެއް ނެތް"

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލާއި ސަރުކާރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް މިހެން ވިދާޅުވީ ބީއެމްއެލްއިން އާއްމުންނަށް ޑޮލަރު ދޫކުރުމުގައި އަމަލުކުރާ އުސޫލަށް ބަދަލު ގެނައީ ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދެއްކުމުން އަންނަ ލޮޅުންތަކެއްގެ ސަބަބުންކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.
"'ޕްރެސަރ ވިތު ދަ ސްޕޯކްސް"، ނަމުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ގެންނެވި ބަދަލާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ތަރުޖަމާނު ވިދާޅުވީ މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ތެލާއި، ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ އެކި ކަންކަމަށް ބޭނުންވާ ޑޮލަރު ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަޅުގަނޑުމެން އެންމެން ބަރޯސާވެފައިވާކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމާއި ކާޑުތަކުން ކުރެވޭ ނަހަމަ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުން ފިޔަވައި އިތުރު އެހެން ނިންމެވުމެއް ނިންމަވާފައިނުވާކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ދުވާލަކަށް ބޭންކުން ޑޮލަރު ވިއްކާނެ އަދަދެއް ކަނޑައަޅައި، ޓީޓީ އަށް ޑޮލަރު ބޭނުންވާ ފަރާތްތަކުން ޓީޓީ ހުށަހަޅާ ގަޑިއަކީ ބޭންކުގެ ރަސްމީގަޑި ކަމުގައި ހަމަޖައްސަވާފައިވަކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން 2026 އެޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕާއި ބޭންކް އޮފް މޯލްޑިވްސް އިން މި ގެނައި ބަދަލު ގުޅުވާތީ، އެކަން ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އަދި ސަރުކާރުން އަދާ ކުރި ދަރަނިތަކުގެ ކޭޝްފްލޯގެ އެއްވެސް ދަތިކަމެއް ނެތްކަން ތަކުރާރުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ