ރައީސް މުއިއްޒު ދެވަނަ ދައުރެއް ކާމިޔާބު ކުރާނީ ބޮޑުތަނުން، ރައްޔިތުންގެ ލޯތްބާއެކު: އަބްދުއްރަހީމް

2028 ގައި ބާއްވާ ރިޔާސީ އިންތިހާބު, ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ ބޮޑުތަނުން ކަމަށާއި އެކަން އެ މަނިކުފާނު ކުރައްވާނީ  ދިވެހި ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއި ތާއީދު ހޯދައިގެން ރައްޔިތުންގެ ލަފަޔާއި މަޝްވަރާ އެކީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله  ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް އއ. ހިމަންދޫން ލިބުނު ކާމިޔާބީ ފާހަގަކުރަން ޕާޓީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ, މިއީ މާޔޫސްވާންވީ ވަގުތެއް ނޫން ކަމަށާޢި މިއީ އުންމީދު އާކޮށް ހިތްވަރާއެކީގައި ނުކުންނަންވީ ވަގުތު ކަމަށެވެ. އަދި މިއީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދެއްވުމަށް އަޒުމު އާކޮށް ކަމަރު ބަންނަންވީ ވަގުތު ކަމަށްވެސް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ, ޕީއެންސީއަކީ ރައްޔިތުންގެ ނިންމުން ބަލައިގަނެ, އެއަށް އިހުތިރާމުކޮށް, ރައްޔިތުންގެ ވިންދާއި ރައްޔިތުން ރޫހާ އެއްގޮތަށް ކުރިއަށް އޮތްތަން ރާވަން އެނގޭ, ރާވަން ކެރޭ އެ ހިތްވަރު އޮތް ޕާޓީއެއް ކަމަށެވެ.
”އިއްޔެއާ ދޭތެރޭގައި ވިސްނާ ނުލަންޔަކާ މާދަމާއެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. އިއްޔެ ވެރިކަން ކުރި މީހުން ވެރިކަންކުރި ގޮތާ, އެ މީހުން ކަންކުރި ގޮތާ, އޭގެ ނަތީޖާއާ އަޅުގަނޑުމެން ދުށީމުއޭ. އޭގެން އިބުރަތް ހާސިލުކުރަންޖެހޭނެ. ބުއްދިވެރިންނަކީ ވޭތުވެދިޔަ ތަނުން އިބުރަތް ހޯދައިގެން ކުރިއަށްދާން އެނގޭ މީހުން. އެހެންވެގެން އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ އިއްޔެ އިބުރަތް ހޯދައިގެން މާދަމާ ބިނާކުރަން ކެރިވަޑައިގަންނަވާ ބޭފުޅެކޭ. އެ ހިތްވަރު އެބަހުއްޓޭ. އެހެންވެ އެ ވިދާޅުވީ ނަތީޖާ ބަލައިގެންފީމޭ. ރައްޔިތުންގެ ބަސް އަހައިގެން ރައްޔިތުން ބުނާ ގޮތަކަށޭ ވެރިކަން ކުރާނީ,“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ, ޕީއެންސީގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ރައްޔިތުންގެ ފަޅީގައި ގަދަކޮށް, ބޮޑުކޮށް, ވަރުގަދައަށް ކަމަށާއި ރައްޔިތުންގެ ފަޅިއެއް ބައްޔެއް ނުކުރެވޭނެ ކަމަށެވެ. އަދި ރިޔާސީ ދެވަނަ ދައުރަކަށް ވެރިކަމަށް އިންތިހާބުވެވަޑައިގަންނަވާނެ ފުރަތަމަ ބޭފުޅަކަށް ރައީސް މުއިއްޒު ވެވަޑައިގަންނަވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު މި ގައުމުގައި ބޭއްވޭ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު. އެކަން ކުރާނީ ދިވެހިރާއްޖޭގައި ދެވަނަ ދައުރަށް މި ނިޒާމުގެ ދަށުން ވެރިކަންކުރާ ފުރަތަމަ ވެރިއަކަށްވާނީ މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު,“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ