ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އާދަމް ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ މަޝްހޫރު ކަނެޑީވިއާ ކުންފުންޏާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބާއްވައިފި އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ޖަޕާނުގައި ބޭއްވި "ޖީނެޓްސް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް މޭޔަރު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުޅުދުއްފުށި ސިޓީގެ ޔޫޓިލިޓީ ހިދުމަތްތައް ކަމަށްވާ ފެނާއި، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، މި ހިދުމަތްތަކުގެ އަގުހެޔޮކޮށް، ހިންގުން ހަރުދަނާ ކުރުމަށް ހުރި ފުރުސަތުތަކާއި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ކަނެޑީވިއާ ކުންފުންޏަކީ މި ދާއިރާތަކުން ބައިނަލްއަގްވާމީ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށް ވުމާއެކު، އެ ކުންފުންޏާ ގުޅިގެން ކުޅުދުއްފުށީގައި މަސައްކަތް ކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލާފައިވެއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ސިޓީގެ ޔޫޓިލިޓީ ހިދުމަތްތައް ރަނގަޅުކުރުމަކީ 2026 ވަނަ އަހަރު އެކުލަވާލުމަށް ހަމަޖެހިފައިވާ ތަރައްގީގެ ޕްލޭންގައި ވެސް އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާނެ އެއް ކަންތަކެވެ. މިފަދަ ބައިނަލްއަގްވާމީ ކުންފުނިތަކާއެކު ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ސިޓީގެ ތަރައްގީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސިޓީ ކައުންސިލުން އުއްމީދު ކުރެއެވެ.
ކުޅުދުއްފުށީގެ ޔޫޓިލިޓީ ހިދުމަތްތައް ހަރުދަނާކުރުމަށް ޖަޕާނުގެ ކަނެޑީވިއާ ކުންފުންޏާއެކު މަޝްވަރާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ