ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި އަނިޔާވެފައިވަނީ ކާކަށް ކަމެއް ފުލުހުން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް، އެއީ ނާޒިމް ސައްތާރުކަން ވަނީ ކަށަވަރުވެފައެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. މި ހަމަލާ ދީފައިވަނީ ކޮން ބައެއް ކަމާއި، ހަމަލާ ދިން ސަބަބެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ