ވަލްވޭޑޭ އާއި ޗުއެމޭނީ 1 މިލިއަން ޔޫރޯ އިން ޖުރިމަނާކޮށްފި

ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން މުގައިވާ ފެޑެރީކޯ ވަލްވޭޑޭ އާއި އައުރެލިއަން ޗުއެމޭނީ 1 މިލިއަން ޔޫރޯ އިން އެ ކްލަބުން ޖުރިމަނާކޮށްފި އެވެ.
ރެއާލް މެޑްރިޑް އިން މި ދެ ކުޅުންތެރިން ޖުރިމަނާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެ ކްލަބުގެ ފަރިތަކުރުންތަކަށްފަހު ޗޭންޖިންގ ރޫމުގައި ދެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކަށްފަހު ވަލްވޭޑޭ އަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ދެ ކުޅުންތެރިންގެ މެދުގައި އޭގެ ކުރީ ދުވަހުވެސް ވަނީ ހަމަނުޖެހުމެއް ހިނގާފަ އެވެ.
ރެއާލް މެޑްރިޑް އިން ވަނީ އެ ހާދިސާ އާއި ގުޅިގެން އެމަޖެންސީ ބައްދަލުވުމެއް ވަގުތުން ބާއްވާފަ އެވެ. އަދި ކްލަބުގެ ޑިސިޕްލިނަރީ ކޮމިޓީ އިން މައްސަލަ ބެލުމަށްފަހު ކޮންމެ ކުޅުންތެރިއެއް 5 ލައްކަ ޔޫރޯ އިން ވަނީ ޖުރިމަނާކޮށްފަ އެވެ. އަދި މި ދެ ކުޅުންތެރިންވެސް ވަނީ އެކަމަށް މައާފަށް އެދިފަ އެވެ.
ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް އަންނަ ހަފްތާގައި ކުޅޭ އެލް ކްލެސިކޯ މެޗުގެ ކުރިން ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ކަންތައްތަކުގެ އިތުރުން އެ ކްލަބުގެ ކޯޗު އަބެލޮއާ އާއި ބައެއް ކުޅުންތެރިންނާއި ދެމެދު މައްސަލަޖެހި އޭގެ ތެރެއިން ބައެއް ކުޅުންތެރިންނާއި ކޯޗު ވާހަކަ ނުދައްކާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ޗޫމޭނީ އާއި ވަލްވޭޑޭ އާއި ދެމެދު ހިނގާދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން ވަލްވޭޑޭ ބުނެފައިވަނީ އޭނާގެ ބޯ ފަޅައިގެން ދިޔައީ ޗޫމޭނީގެ ހަމަލާއަކުން ނޫން ކަމަށާއި އެއީ އެކްސިޑެންޓަކުން މޭޒުގައި ޖެހުމުގެ ސަބަބުން ފަޅައިގެން ދިޔަ ތަނެއް ކަމަށެވެ. އަދި ޗޫމޭނީ އޭނާގެ ގައިގައި ޖަހާފައިނުވާކަމަށްވެސް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.
ރެއާލް މެޑްރިޑްއިން ބުނެފައިވަނީ ވަލްވޭޑޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް 10 ވަރަކަށް ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އޭނާއަށް އެލްކްލެސިކޯ މެޗު ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ