ގަލޮޅު ދަނޑު އުވާލައި ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭގައި އިމާރާތްކުރަނީ

ގަލޮޅު ދަނޑު އުވާލައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. 
ރާއްޖޭގެ "ރަސްމީ" ފުޓްބޯޅަ ދަނޑުގެ ގޮތުގައި މިހާރު ބޭނުންކުރަނީ ގަލޮޅު ދަނޑެވެ. ގައުމީ ޓީމުގެ ހޯމް މެޗުތަކާއި އޭއެފްސީ ކްލަބް މުބާރާތްތަކުގައި ރާއްޖޭގެ ކްލަބްތަކުގެ އަމިއްލަ ދަނޑުގެ ގޮތުގައި ވެސް ބޭނުން ކުރަނީ ގަލޮޅު ދަނޑެވެ. އަދި ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތަކުގައި ވެސް މައި ސްޓޭޑިއަމްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ތާރީހީ އެ ދަނޑެވެ. 
މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑަކީ ރާއްޖޭގެ ކުޅިވަރުގެ ބޮޑު ތާރީހެއް އޮތް ތަނެއް ކަމަށެވެ. ނަމަވެސް އެ ދަނޑަކީ، އިންޓަނޭޝަނަލް ސްޓޭޑިއަމްގެ ގޮތުގައި ތަރައްގީ ކުރަން އެންމެ އެކަށޭނެ ތަނެއް ނޫން ކަމަށް ރާފިއު ވިދާޅުވި އެވެ.
"ގަލޮޅު ބޯޅަ ދަނޑަކީ އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ސިފައިގައި ގާއިމުކުރަން އެންމެ އެދެވޭ ތަނެއް ނޫން،" ޕީއެސްއެމް އަށް ދިން އިންޓަވިއުގައި އޭނާ ވިދާޅުވި އެވެ. 
"އެހެންކަމަށް މިވަނީ [އޭގެ ސަބަބަކީ] އެތަނުގެ ސޭފްޓީ އާއި ސެކިއުރިޓީއާ އަދި އެހެނިހެން ގޮތްގޮތުން ވެސް މާނައަކީ ޕާކިން އާއި ޓްރެފިކާއި އަދި އާންމު ރައްޔިތުންތަކެއް ދިރިއުޅޭ ތަނެއްގެ މެދުގައި ކުޅިވަރު ކުޅޭ ތަނެއް މިހާރު ގާއިމުކުރަން ބަލާއިރު އެންމެ އެކަށީގެންވާ ތަނެއް ނޫން (ގޮލޮޅު ދަނޑަކީ)." 
އޭނާ ވިދާޅުވި ގޮތުގައި ގަލޮޅު ދަނޑަކީ، މިހާރު އެ ތަނުގެ ހާލަތު އޮތް ގޮތުން ތަޅާނުލައި އެހެން ގޮތަކަށް ބަދަލުނުކޮށް ބަހައްޓާވަރުގެ ތަނެއް ނޫނެވެ. ގަލޮޅު ދަނޑު ތަޅާލުމަށް ފަހު އާންމުންނަށް ފަސޭހައިން ވަދެ ނުކުމެވޭ ގޮތަކަށް އޮންނަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަ ކުރެއްވިއްޔާ އެތަން ތަޅާލާފައި، އެ ތަން އާންމުނަށް ފަސޭހައިން ވަދެ އުޅެވޭ ކަހަލަ ތަނެއް، އެހެން ނަމަވެސް ކުޅިވަރު ކުޅެވޭ ތަނެއްގެ ގޮތުގައި ބޭންދުން އަޅުގަނޑުމެންގެ އަމާޒަކީ،" ރާފިއު ވިދާޅުވި އެވެ. 
އެހެންވެ ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭ ފޭސް އެކެއްގައި ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް އިމާރާތް ކުރުން ކަމަށް ރާފިއު ވިދާޅުވި އެވެ. އެ ބަދަލާ އެކު ބައިނަލްއަގްވާމީ ކުޅިވަރުގެ ރައްކާތެރި މިންގަނޑުތަކަށް ފެތޭ ސްޓޭޑިއަމަކަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 
"އޭރުން [ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލެ އަށް ބަދަލު ކުރުމުން] އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކާ އެއްގޮތަށް [ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް] ގާއިމުކުރެވިގެން ދާނީ. އަދި ޓްރެފިކާއި ޕާކިންއާ، މި ހުރިހާ ކަމަކަށް ބަލައިފައި އެތަނުގައި އަޅުގަނޑުމެންނަށް މެނޭޖްކުރެވެން އޮތީމަ އެގޮތަށް އަޅުގަނޑުމެންގެ ވިސްނުން މިހުރީ،"  އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ފޭސް އެކެއްގެ ދެކުނުކޮޅުން ވަނީ ސްޓޭޑިއަމް ފުޓްބޯޅަ އެޅުމަށް ބިމެއް ވެސް ކަނޑައަޅައިފަ އެވެ. އެކަމަކު މިވަގުތު އެ ބިން ބޭނުން ކުރަނީ އިމާރާތްކުރަން ބޭނުންކުރާ ސަމާނު ޖަމާކޮށްފައި ބެހެއްޓުމަށެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ