މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފްސީލުތައް ކުރިއަށް އޮތް ދެ މަސްދުވަސް ތެރޭ އާންމުކުރައްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކައުންސިލުގެ ބަހެއް ނެތި، މޭޔަރު އާޒިމް ބިންތައް ނުއަގުގައި ދިގު މުއްދަތަށް ދޫކުރައްވާ ކަމަށް ތުހުމަތުކޮށް، ދޫކޮށްފައިވާ ބިންތަކުގެ ތަފްސީލު ހޯދަން މިފަހުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ އެދިވަޑައިގެންފަ އެވެ.
ސައިފް ވިދާޅުވި ގޮތުގައި، މާލެއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްސީލު ހޯދަން މިދިޔަ ސެޕްޓެމްބަރުން ފެށިގެން އެކި ފަހަރު މަތިން އާޒިމުގެ އަރިހުގައި އެދިވަޑައިގެންފައި ވިޔަސް މިއަދާ ހަމައަށް ވެސް އެ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެވެ.
ބުނީ ކީކޭ؟ - މާލޭ ސިޓީ ކައުންސިލް އޮފީހުގައި ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެ ކައުންސިލު އުފެދިގެން މިދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ބިމުގެ އޮޑިޓެއް ނުވަތަ ދަފްތަރެއް އުކުލަވާލާފައި ނުވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތް މިހާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މާލެއިން ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ބިންތަކެއް، ކުއްޔަށް ދޫކޮށްފައި ހުރީ ކޮން ބަޔަކަށްތޯ، ކޮން ބޭނުމަކުތޯ، ކޮން ކުއްޔަކަށްތޯ، ކިހާ މުއްދަތަކަށްތޯ، މިހުރިހާ ކަމެއް ތި ލޮބުވެތި ރައްޔިތުންނަށް ތި ލޮބުވެތި ރައްޔިތުންގެ ބިންތަކުގެ ތަފްސީލު އަޅުގަނޑު ހާމަކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުން:
ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު ހަަމަވެގެން މުއްދަތު އިތުރު ކުރުމުގައި މީގެ ކުރިން އަމަލުކުރަމުން އައި ގޮތް މިހާރު ވާނީ ބަދަލުކޮށްފައި
މީގެ ކުރިން އަމަލުކުރާ ގޮތަކީ އެއްބަސްވުމުގެ މުއްދަތު ހަމަވީމާ ނުވަތަ ހަމަވާން ކައިރިވީމަ ވާހަކަދައްކައިގެން މުއްދަތު އިތުރުކުރުން؛ މިހާރު އެކަން ކުރާނީ އިއުލާން ކޮށްގެން
"ކުރިއަށް އޮތް ތަނުގައި ތިބޭފުޅުންނަށް ފެނިގެންދާނީ އެއްވެސް އެއްބަސްވުމެއް ރައްޔިތަކަށް ނުފެނި ކައުންސިލަކަށް ނުފެނި އެއްވެސް ބޭފުޅަކަށް ލިބިގެން ނުދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" އާޒިމް ވިދާޅުވި އެވެ.
އެނގުން މުހިންމު - މާލޭގެ އެއްވެސް ބިމެއް ދިގު ނުވަތަ ކުރު މުއްތަކަށް ކުއްޔަށް ދެވޭނީ ނުވަތަ ތަރައްގީކުރަން ނިންމޭނީ ކައުންސިލުގެ ފްލޯއަށް ހުށަހަޅައި ޖަލްސާގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށް، ކައުންސިލުގެ ހިންގާ ގަވާއިދަށް 2023ގައި ބަދަލު ގެނެސްފައި ވެއެވެ.
އެކަމަކު މާލޭގެ ބިންތައް ކައުންސިލުގެ ރުހުން ހޯދުމަކާ ނުލާ ކުއްޔަށް ދެނީ މޭޔަރު އެކަށައަޅާ ކުޑަ ކޮމިޓީއަކުން ކަމުގެ ކަންބޮޑުވުން ސައިފު މިފަހުން ވަނީ ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އާޒިމް މޭޔަރު ކަމަށް ވަޑައިގެންތާ 553 ދުވަސްވެފައިވާއިރު، އޮޅުންބޮޅުންކަން ބޮޑުކަމުން ކަމަށް ވިދާޅުވެ، ގާނޫނުގައި ބުނާ ހަމައިން ބިމުގެ ދަފްތަރު ވެސް އާންމު ކުރައްވަމުން ނުގެންދަވާ ކަމަށެވެ.
އެކަމާ ގުޅިގެން އާޒިމް މިފަހުން ވިދާޅުވީ އެ މަސައްކަތް ލަސްވަމުންދާ އެންމެ ބޮޑު ސަބަބަކީ ހައުސިން މިނިސްޓްރީން މީގެ ކުރިން، ސިޓީ ކައުންސިލްގެ ނިންމުމެއްގެ ދަށުން ބައެއް ލިއެކިއުންތައް ގެންދިޔަ އިރު ގެންދިޔަ ލިއެކިއުންތަކަކީ ކޮބައިކަން އެނގޭ ގޮތަށް ރެކޯޑުކޮށްފައި ނެތުމުން ކަމަށެވެ.
ކުއްޔަށް ދީފައި ހުރި ބިންތަކުގެ ތަފްސީލް 2 މަސް ތެރޭ ހާމަކުރާނަން: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ