ޕީޖީން ހުށަހެޅީ ކޮށްފައިވާ ދައުވާތަކަށް އިއުތިރާފުވާންޖެހޭ އެއްބަސްވުމެއް: ޝިމަން ޕީޖީން ހުށަހެޅީ ކޮށްފައިވާ ދައުވާތަކަށް އިއުތިރާފުވާންޖެހޭ އެއްބަސްވުމެއް: ޝިމަން

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނަސޭހަތުގެ އެއްބަސްވުމެއްގެ ގޮތުގައި ހުށަހެޅީ އުފުލާފައިވާ ހުރިހާ ދައުވާތަކަށް އިއުތިރާފުވާން މަޖުބޫރު ކޮށްފައި އޮތް އިންޒާރުގެ އެއްބަސްވުމެއް ކަމަށް ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން ބުނެފި އެވެ.
ޝިމަން އެހެން ބުނީ ޝިމަން އާއި އަބްދުالله މަހުޒޫމް މާޖިދުއަށް ނަސޭހަތުގެ އެއްބަސްވުމެއް ޕީޖީ އޮފީހުން ހުށަހެޅުމުން، އޭގައި ސޮއިކުރަން އެ ދެ މީހުން އިންކާރު ކުރިކަމަށް ވިދާޅުވެ ޕީޖީ އޮފީހުގެ ތަރުޖަމާނު، އަހުމަދު ޝަފީއު ކުރެއްވި ޕޯސްޓަކަށް ދިން ރައްދުގަ އެވެ.
ޝަފީއު ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު މިހާރު ވެސް އެ ދެމީހުންނަށް އެބަ އޮތް ކަމަށެވެ.
ޝަފީއުގެ އެ ޕޯސްޓަށް ރައްދު ދީ ކުރި ޕޯސްޓުގައި ޝިމަން ބުނީ އެއްބަސްވުން ހުށަހެޅި ވާހަކަ ޕީޖީ އޮފީހުން ދައްކަނީ އެމީހުންގެ އަޑު ކަނޑުވައިލުމުގެ ބޭނުމުގައި ކަމަށެވެ.
"[އަޅުގަނޑުމެންނަށް ހުށަހެޅީ] އަޅުގަނޑުމެންގެ މައްޗަށް އުފުލާފައި ހުރި ދައުވާތަކަށް އެއްބަސްވުން ލާޒިމުކުރާ އިންޒާރުގެ އެއްބަސްވުމެއް، މިއީ އަޅުގަނޑުމެންގެ އަޑު ކަނޑުވައިލުމަށް ކުރާ މަސައްކަތެއް،" ޝިމަންގެ ޕޯސްޓުގައި ބުންޏެވެ.
ޝަފީއުގެ ޕޯސްޓާ ގުޅިގެން މަހުޒޫމްގެ ގާނޫނީ ވަކީލު، ރައިޝާން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން ހުށަހެޅި އެއްބަސްވުމުގައި، ނުކުރާ ކުށަކަށް އެއްބަސްވުން ލާޒިމު ކޮށްފައި އޮތް ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއި ނުކުރި ސަބަބަކީ އެއީ ކަމަށް އޭނާ ބުނެފައިވެ އެެވެ.
"ފެށުނީއްސުރެ އަޅުގަނޑުމެން ބުނަމުން މިދަނީ މަހުޒޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެ ބުނާ ކުށެއް މަހުޒޫމް ނުކުރެޔޭ،" ރައިޝާންގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ޝިމަންގެ މައްޗަށް ދައުލަތުން އުފުލަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް ކުރިއަނުދިނުމުގެ ކުށުގެ ދައުވާ އެވެ.
އެ ކުށް ކުރާ މީހަކަށް ދެވޭ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ޝިމަންގެ އިތުރުން ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު މަހުޒޫމްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. މަހުޒޫމްއަށް ފޮނުވާފައިވާ ދައުވާ ފޯމުގައި ބުނެފައި ވަނީ މަހުޒޫމްގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ށ. ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރުގައި ބުނެފައި ވަނީ މީހެއްގެ ރުހުމަކާ ނުލައި އޭނާގެ ގައިގައި އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުމަކީ ކުށެއް ކަމަށެވެ.
އެ މާއްދާގެ ށ. ގެ ތިންވަނަ ނަންބަރުގައި އޮންނަނީ އެ އަމަލުގެ ސަބަބުން އަނިިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވުމެވެ.
އެ ކުށް ކުރާ މީހަކަށް ދެވޭ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ޝިމަން އާއި މަހްޒޫމް ހައްޔަރުކުރީ ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރެއް ވެސް ނުދީ އެވެ. މުޒާހަރާ ރޫޅާލި ހަމައެކަނި ސަބަބަކީ މަގުމަތީ މުޒާހަރާ ކުރުމުން ވިޔަފާރިތަކަށް ދަތިވުމާއި އޯލެވެލް ޓެސްޓު ހަދާ ކުދިންނަށް މުޒާހަރާގެ ސަބަބުން އުނދަގޫވުން ކަމަށް ފުލުހުން ބުންޏެވެ.
މުޒާހަރާގެ ތެރެއިން އެ ދެމީހުން ހައްޔަރު ކުރީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. ހައްޔަރު ކުރުމަށް ފުލުހުން އަމަލު ކުރި ގޮތުން އެ ދެ މީހުންނަށް ވެސް އަނިޔާ ލިބުނެވެ.
ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމާއި މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެގަނެ އަމަލު ކުރި ގޮތް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިތުރުން ސިޔާސީ ބައެއް ބޭބޭފުޅުން ވެސް ކުށްވެރި ކުރި އެވެ. ނަމަވެސް ފަހުން އެ ދެމީހުުން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ