ބީއެމްއެލް ''ބޭންކް ފަންޑް''އިން 5 ޖަމިއްޔާއަކަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރުގެ ބޭންކް ފަންޑް ލިބޭ ޖަމިއްޔާތައް ހޮވައިފިއެވެ. މުޖުތަމައުގެ ތަރައްގީއާއި ކުރިއެރުމަށް ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ބޭންކް ފަންޑް ތައާރަފުކުރީ މިދިޔަ އަހަރެވެ. މި އަހަރު ބޭންކް ފަންޑް ލިބޭ ޖަމިއްޔާތަކަކީ: ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް: ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ކްލިނިކެއް ހުޅުމާލޭގައި ގާއިމުކޮށް، ބަލިން ރައްކާތެރިވުމާއި، ކުރީބައިގައި ބަލި ދެނެގަތުމާއި ހަކުރުބަލި މެނޭޖްކުރުމުގެ ޚިދުމަތްތަކަށް ގިނަ ބަޔަކަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ޚިދުމަތް ފުޅާކުރުން. ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ: ދަރިވަރުންގެ ޑިޖިޓަލް މީޑިއާ ހުނަރު ކުރިއެރުވުމަށް ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޒަމާނީ މަލްޓި މީޑިއާ ސްޓޫޑިއޯއެއް ގާއިމުކޮށް، މިހާރުވެސް ހިންގަމުންދާ މީޑިއާ ކްލަބްގެ ހިންގުން އިތުރަށް ހަރުދަނާކުރުން ފައުންޑޭޝަން ފޯ އޭދަފުށި ޔޫތް ލިންކޭޖް (ފޭލި): ވޮކޭޝަނަލް އަދި ކްރިއޭޓިވް ސްކިލްސް ތަރައްގީކުރުމަށް ބ. އޭދަދުށީގައި ހުންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އިންޓެގްރޭޓެޑް ދެ ލެބެއް ގާއިމުކުރުމަށް. މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ނަފުސާނީ ބަލިތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފުކޮށް، ނަފުސާނީ ބަލި އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ ފަރާތަތްތަކަށް ބޭނުންވާ އެހީއަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ގާއިމުކުރުން. ޓައިނީ ހާޓްސް މޯލްޑިވްސް: ހިތުގެ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަން ޕްރޮމޯޓް ކުރުމަށް ޑިޖިޓަލް ވަސީލަތްތަކުގެ ހަބެއް ގާއިމުކުރުން. ބީއެމްއެލްއިން ބުނި ގޮތުގައި ބޭންކް ފަންޑަކީ ތައުލީމާއި ތިމާވެށްޓާއި ކުޅިވަރާއި މުޖުތަމަޢު ކުރިއެވުމަށް މަޝްރޫއުތައް ހިންގުމަށް ބޭންކު ފަންޑަށް އެދި ހުށަހަޅާ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ހޮވާލާ ކޮންމެ ޖަމިއްޔާއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދޭ ފަންޑެކެވެ. މުޖުތަމައުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭންކުން އަހަންމިއްޔަތުކަން ދޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ