ފެބްރުއަރީ މަހު ތޮއްޑުއަށް ސީޕްލޭންގެ ދަތުރުތައް ފަށަނީ

އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އއ. ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އއ. އަތޮޅަށް އެމަނިކުފާނު މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރަށްރަށުގެ އިގްތިސޯދީ މަސައްކަތް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން ތޮއްޑޫއަކީ ދަނޑުވެރިކަމާ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެއްކަމަށާއި، މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާއިން 80 ވަރަކަށް ވިޔަފާރި އެ ރަށުގައި ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ފަތުރުވެރިކަމަށް އެތައް އެނދެއް ހުރިއިރު އުންމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރުވުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ތޮއްޑޫއަށް ޒިޔާރާތްކުރުން -- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް އިތުރަށް ކޮށްދެވެން ހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ރަށަށް ސީޕްލޭންގެ ޚިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މި ރަށަށް ޚާއްސަ ސީޕްލޭން ޕްލެޓްފޯމް ގާއިމުކޮށްދީ، އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެ، މިއަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ސީޕްލޭން ޝެޑިއުލްތައް މި ރަށަށް ފަށާނެ، އެކަމުގެ ސަބަބުން މިހާރު އެ ރަށުގެ ފަތުރުވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މޫސުން ގޯސްވެ، ކަނޑުގަދަވާ ހާލަތްތަކުގައި ފަތުރުވެރިން ކުރާ ދަތުރުތަކަށް ބުރޫ އަރާކަމުގެ ޝަކުވާތައް އޮތްއިރު އެއީ އެކަމަށް ނިމުމެއް އަންނާނެ ދުވަސްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ފައްކާވެފައިވާ، ގިނަ ފަތުރުވެރިންތަކެއް ޒިޔާރާތްކުރާ ރަށެކެވެ. ފަތުރުވެރިކަމުން ހޯދާ ނަފާގެ އިތުރުން ތޮއްޑޫން އެންމެ ބޮޑު ނަފާއެއް ހޯދަނީ ދަނޑުހައްދައިގެންނެވެ. ތޮއްޑޫއަކީ ކަރާ ހެއްދުމަށް މަޝްހޫރު ރަށެކެވެ. ޚާއްސަކޮށް ރަމަޟާން މަހަށް އެ ރަށުގެ ކަރާގެ ޑިމާންޑު ވެސް ބޮޑެވެ. އާއްމުކޮށް ރިސޯޓްތަކަށް ޚިދުމަތް ދެމުން އަންނަ ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ލޯކަލް ޓޫރިޒަމް އޮތް ރަށްރަށަށް ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަމަދުއަށްވެސް ވަނީ ހޯކްސް ކުންފުންޏާ ގުޅިގެން ސީޕްލޭންގެ ޚިދުމަތް ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ