ޣައްޒާގެ ކުދިންގެ ވާހަކަ ވެސް ދައްކަވަން މެލާނިއާ ޓްރަމްޕަށް ތުރުކީގެ ފަސްޓްލޭޑީ ގޮވާލައްވައިފި

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމަ ތަހައްމަލު ކުރަމުންދާ ކުޑަކުދިންގެ ވާހަކަދައްކައި އެ ކުދިންގެ ހައްގުގައި ވާކާލާތުކޮށްދެއްވުމަށް އެދި އެމެރިކާގެ ރައީސްގެ ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕަށް ތުރުކީގެ ފަސްޓް ލޭޑީ، އަމީނާ އުރުދުޣާން އިލްތިމާސްކުރައްވައިފިއެވެ. އަމީނާ އެގޮތަށް ގޮވާލެއްވީ ތުރުކީން އާންމުކުރި ސިޓީއެއްގައެވެ. އަމީނާ ވަނީ ރަޝިޔާއިން ޔޫކްރެއިނުގައި ހަނގުރާމަ ފެށުމުން އެކަމުގެ އަސަރު ކުރި ކުދިންނަށް މެލާނިއާ ދެއްވި އެއްބާރުލުމަށް ތައުރީފު ކުރައްވައި، ހަމަ އެގޮތަށް ފަލަސްތީނުގެ ކުޑަކުދިންނަށް ވެސް އެއްބާރަލުން ދެއްވައި އެކުދިންނާ އެއްކޮޅަށް ވާކާލާކޮށްދެއްވުމަށް ގޮވާލާފައެވެ. އަދި، ޣައްޒާ މިހާރު ވެފައިވަނީ '"ކުޑަކުދިންގެ ސަހަރާއަކަށް" ކަމަށާއި އެ ނާއިންސާފާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުތަކާއި ބާރު އެއްބައިވަންތަ ކުރަން ޖެހޭ ކަމަށް އަމީނާ ލިޔުއްވާފައިވެއެވެ. ޣައްޒާގެ އެތައް ހާސް ކުދިންގެ ކަފުންތަކުގައި ކޮން ކުއްޖެއްކަން ނޭނގޭ ކަމަށް ލިޔެފައިވާ ކަމަށާއި އެއީ އިއާދަނުކުރެވޭނެ ޒަޚަމުތަކެއް ކަމަށް ވެސް އަމީނާ ލިޔުއްވާފައިވެއެވެ. އަދި، ޣައްޒާގައި މިހާރު އޮތް އިންސާނީ ދަތިކަން ނިމުމަކަށް ގެނައުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިލްތިމާސްކުރުމަށް ވެސް އަމީނާ ވަނީ މެލާނިއާއަށް ގޮވާލައްވާފައެވެ. މި މަހުގެ ކުރީކޮޅު މެލާނިއާ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ސިޓީއެއް ފޮނުއްވައި، ހަނގުރާމަ ކުރިއަށް ގެންދާއިރު ކުޑަކުދިންނަށް ބެލުމަށް އެދިވަޑައިގަންނަވާފައެވެ. އަމީނާއަކީ އާންމުކޮށް ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ ބޭކަނބަލެއް ނޫނެވެ. އަދި، އާންމުންކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ތިމާވެށީގެ މައްސަލަތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭއްލުންތެރިކުރުވުމުގައެވެ. އެ ކަމަށްޓަކައި އދ ގެ ސެކްރެޓަރީ ޖެނެއަލް އެންޓޯނިއާ ގުޓަރެސްގެ ތައުރީފު އަމީނާއަށް ލިބިވަޑައިގަންނަވައެވެ. ނަމަވެސް، އަމީނާ ވަނީ ސީރިއާގެ ދާޚީލީ ހަނގުރާމައިން އަސަރުކުރާ މީހުންގެ ހައްގުގައާއި އިސްރާއީލުން ޣައްޒާގައި ހިންގި އަމަލުތައް ކުށްވެރިކުރައްވައި 2016 ވަނަ އަހަރު ދުނިޔޭގެ ލީޑަރުންނަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ތުރުކީއަކީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެންމެ ގިނައިން އަޑުއުފުލާ އެއް ގައުމެވެ. އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން (އައިޕީސީ) ރިޕޯޓުގައި ޣައްޒާއަށް ބަނޑުހައިހޫނުކަން ކުރިމަތިވެފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، އޮގަސްޓް މަހުގެ މެދުތެރެއާއި ސެޕްޓެންބަރު މަހުގެ ފަހުކޮޅު 640،000 އަށް ވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކުރާނެކަމުގެ އިންޒާރު ދީފައިވެއެވެ. ހުކުރު ދުވަހު އާންމުކުރި އެ ރިޕޯޓުގައި އައިޕީސީން ވަނީ ކުޑަކުދިންނަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާކަން ފަހަގަކުރައްވައި، ގާތްގަނޑަކަށް ޣައްޒާގެ ކޮންމެ ތިން މީހަކުން އެކަކީ ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ތަހައްމަލުކުރާ މީހެއްކަން ފާހަގަކޮށްފައެވެ. އަދި، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކާނާ ނުލިބުމުގެ ސަބަބުން ފަސް އަހަރުން ދަށުގެ 132،000 ކުދިންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ކާނާ ލިބުން ދަތިވުމުގެ ސަބަބުން މަރުވި 281 މީހުންގެ ތެރެއިން 114 މީހުންނަކީ ކުޑަކުދިން ކަމަށެވެ. ނަމަވެސް، ޣައްޒާގައި ބަނޑުހައިހޫނުކަން އޮތްކަމަށް އިސްރާއީލުން ދޮގުކުރެއެވެ. އަދި، އައިޕީސީން ވަނީ އެއްފަރާތަކަށް ޖެހިފައި ކަމަށާއި ބަނޑުހައިހޫނުކަން ވަޒަންކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސް، އެ މީހުން ބޭނުން ކުރަނީ ހަމާސްއިން ލިބޭ ހިސާބުތައް ކަމަށް ވެސް އިސްރާއީލުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް، އައިޕީސީން ވަނީ އެކަން ދޮގުކޮށްފައެވެ. ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނެއް ފާސްކޮށް، އިސްރާއީލުން މިހާރު ވަނީ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް 61 މީހުން ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 62،122 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ