ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހަޅާ މައްސަލަ އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހަޅާ މައްސަލަ އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި

ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރުވެފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފި އެވެ.
ފުލުހުން ބުނީ އެ އިދާރާއަށް ހުށަހަޅާފައިވާ ސެޓްފިކެޓް ފޯޖްކުރުމުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާތަނަށް ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަަމަށް ފުލުހުން ބުންޏެވެ.
"ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާ (ސައްހަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން) އާއި 311 ވަނަ މާއްދާ (ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން) އަދި 312 ވަނަ މާއްދާ (ޝަހުސު އޮޅުވާލުން) ގެ ދަށުން ޖިނާއީ ކުށެއް،" ފުލުހުން ބުންޏެވެ.
ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.
ފުލުހުން ބުނީ ސައްހަ ނޫން އަކެޑެމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި، އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި، އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ.
އެގޮތުން މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުން ވަނީ ހަނދާން ކޮށްދީފަ އެވެ.
މީގެއިތުރުން ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ސައްހަ ނޫން ސެޓްފިކެޓެއްކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރުކޮށް، ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ