އެމްޑީއަށް ފަހު، އާރްޑީސީގެ ޑީއެމްޑީ ވެސް އެޗްޑީސީއަށް ބަދަލުކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މިއަދު ބަދަލުކޮށްފިއެވެ. އެ މަގާމަށް އަސްބާހު އައްޔަނުކުރިކަން ހާމަކޮށް، އެޗްޑީސީން ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް މަރުހަބާ ކިޔާފައެވެ. އަދި، އަސްބާހުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުންޏަށް އިތުރު ކުރިއެރުންތައް ހޯދައިދޭނެ ކަމަށް އުންމީދުކުރާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އަސްބާހު އައްޔަނުކުރީ އެ މަގާމު ފުރުއްވި ފަޔާޒް މަންސޫރު މިދިޔަ މަހުގެ 31 ގައި އިސްތިއުފާދެއްވުމުންނެވެ. އަސްބާހު އާރްޑީސީއަށް އައްޔަނުކުރީ ޑިސެންބަރު 19، 2023 ގައެވެ. އެ މަގާމުން އޭނާ ވަކިވިކަން ހާމަކޮށް، ކުރި ޕޯސްޓެއްގައި އޭނާ ކޮށްދެއްވި ޚިދުމަތްތަކަށް އާރްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ފަހުން ވަނީ ބަދަލުކޮށްފައެވެ. https://sun.mv/209285 ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރީ އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު މައުރޫފް ޖަމީލް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މިދިޔަ ޑިސެންބަރު މަހުގެ 22ވަނަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި މައުރޫފް ވަނީ، މަގާމަށް އައްޔަންކުރިތާ ހަ މަސް ފަހުން ރިޓަޔާކުރައްވަން ނިންމަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ