ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނެއް ފުރަތަމަ ފަހަރަށް ހުޅުވާލައިގެން ބާއްވަނީ ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނެއް ފުރަތަމަ ފަހަރަށް ހުޅުވާލައިގެން ބާއްވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން، ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނެއް ކުރިއަށްގެންދަން ނިންމައިފި އެވެ.
މި ގޮތަށް ނިންމައިފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން ހިންގުމުގައި މި ވަގުތު ހަރަކާތްތެރިވަމުން ވޯކިން ގްރޫޕުންނެވެ. މި ވޯކިން ގްރޫޕުގައި ހިމެނެނީ، ބީޑަބްލިއުއެފް އާއި އޮލިމްޕިކް ކޮމިޓީ އަދި ބެޑްމިންޓަން އެސޯސިއޭޝަނުގައި އެންމެ ފަހުން އޮތް ހިންގާ ކޮމިޓީ ތަމްސީލްކުރާނެ މެމްބަރެކެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް ދެ ދުވަހަށް ދެމިގެންދާ ގޮތަށް، ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި، ކުރިއަށްގެންދާ ގައުމީ ޓީމުުގެ ސިލެކްޝަނުގައި، މާލެ ސިޓީ، އައްޑޫ ސިޓީ، ނައިފަރު، އަދި ބ. އޭދަފުށިން ކުޅުންތެރިން ވާދަކުރެ އެވެ.
އެ ގޮތުން، ގައުމީ ސްކޮޑު އެކުލަވާލުމަށް ކުރިއަށްގެންދާ މި ސިލެކްޝަނުގައި، ފިރިހެން އަށް ކުޅުންތެރިން އަދި އަންހެން އަށް ކުޅުންތެރިން ހޮވާނެ އެވެ. އަދި މީގެ ތެރެއިން، އަންހެން ހަ ކުޅުންތެރިއަކަށް އަދި ފިރިހެން ހަ ކުޅުންތެރިއަކަށް ގައުމީ ޓީމުގެ މުސާރަ ދޭނެ އެވެ. އަދި، ރިޒާވް ސްކޮޑުގައި، އަންހެން ދެ ކުޅުންތެރިންނާއި ފިރިހެން ދެ ކުޅުންތެރިން ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
ސިލެކްޝަން ނިމުމުން، ކުޅުންތެރިންނަށް އަމިއްލަ އެކަޑަމީ އާއި ކްލަބްގައި ވެސް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ. ސިލެކްޝަން ރޭވިފައިވާ ގޮތަށް ބަލާއިރު، އަންހެން ކުޅުންތެރިން ހަ ގްރޫޕަށް އަދި ފިރިހެން ކުޅުންތެރިން ހަ ގްރޫޕަށް ވަނީ ބަހައިފަ އެވެ. ކުޅުންތެރިން ސީޑުކުރުމުގައި ބަލާފައިވަނީ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ ރޭންކިން އަށެވެ.
ކޮންމެ ގްރޫޕަކުން އެއް ވަނަ ގައުމީ ސްކޮޑަށް ހޮވޭއިރު، ރިޒާވް ދެ ޖާގަ ދޭނީ ގައުމީ ކޯޗު މެޗުތައް ބެލުމަށް ފަހު، ކުޅުމަށް ބަލައި، އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިލެކްޝަނުގައި ބައިވެރިވުމަށް ގިނަ އެންޓްރީސްތަކެއް ވަނީ ލިބިފަ އެވެ. އަދި، މި ގޮތަށް ހުޅުވާލެވިގެން ގައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމުގެ ސިލެކްޝަނެއް ބޭއްވިގެންދިއުމަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ތިބި ހުނަރުވެރި ކުޅުންތެރިންނަށް ވެސް ގައުމީ ޓީމާ ހަމައަށް އަންނަން ފަހިވި ފުރުސަތެއްގެ ގޮތުގައި ކުޅުންތެރިން ފާހަަގަކުރެ އެވެ.
އަންނަ އޮކްޓޫބަރު މަހު، ބަހްރޭނުގައި ކުރިއަށްދާ ތިން ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެ ތަމްސީލްކުރާނެ ގައުމީ ބެޑްމިންޓަން ސްކޮޑު ކަނޑައެޅުމަށް ވެސް އެކަޑަމީތަކަށް ހުޅުވާލައިގެން ސިލެކްޝަނެއް ކުރިއަށްގެންދިޔަ އެވެ. އެ ގޮތުން، ރާއްޖޭގެ އަންހެން ހަތަރު ކުޅުންތެރިންނާއި ފިރިހެން ހަތަރު ކުޅުންތެރިންނަށް، އޭޝިއާގެ ޔޫތު ގޭމްސް އިން ލިބޭ ގިނަ ޖާގަތައް ހޯދައިފައިވަނީ، ރަށްރަށުގެ އެކަޑަމީތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ