ދައުލަތަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ އިއްޒަތް ތިން ބޭފުޅަކަށް މިއަދު އަރުވައިފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މި ޝަރުފު އަރުއްވާފައިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ދައުލަތުގެ މާތީ ގިނަ މަގާމުތަކެއް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ހަސަން ސޯބިރަށެވެ.
ތަފްސީލް - ނިޝާން އިއްޒަތުގެ ޝަރަފުގައި މި ތިން ބޭފުޅުންނަށް އަރުވާ އިއްޒަތުގެ ފައްޓާއި، ހާރުކޮޅު އަޅުއްވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ދާދިފަހުން ރިޓަޔާކުރެއްވި މުއުތަސިމަށް މި އިއްޒަތް އަރުވާފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ގާނޫނީ ދާއިރާއިން މީހުން ބިނާކުރެއްވުމަށާއި ޝަރުއީ ދާއިރާއިން މީހުން ތަމްރީން ކުރެއްވުމަށް ކުރައްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
މުއުތަސިމު ދައުލަތުގެ ހިދުމަތް ފެއްޓެވީ 1983ގައި ފޮރިން މިނިސްޓްރީގެ ސެކެރެޓަރީގެ މަގާމުންނެވެ. އޭގެފަހުން:
ފޮރިން މިނިސްޓްރީގެ އިނގިރޭސި ސެކެރެޓަރީކަމާއި، އެސިސްޓެންޓް އަންޑަ ޑިރެކްޓަރުގެ މަގާމުގެ އިތުރުން، ޑިރެކްޓާ ލީގަލް އެފެއާޒްގެ މަގާމާއި، ލީގަލް ޑިޕާޓުމަންޓުގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި
ހާރިޖިއްޔާގައި ފުރަތަަމަ މަސައްކަތް ކުރައްވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ މުއުތަސިމަކީ 1992ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ލޯފާމެއް ރަޖިސްޓްރީ ކުރެއްވި ބޭފުޅާ
2008ވަނަ އަހަރު ތަސްދީގުކުރެއްވި ގާނޫނު އަސާސީގެ ދަށުން އެކުލަވާލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ގޮތުގައި 14 ޑިސެމްބަރު 2014ގެ ނިޔަލަށް މަސައްކަތް ކުރެއްވި
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 8 ޑިސެމްބަރު 2019ގައި؛ އެންމެ ދިގު މުއްަދަތަކަށް މި މަގާމު އަދާކުރެއްވި ބޭފުޅަކީ ވެސް އެއީ
ގާސިމަށް މި ޝަރުފު އެރުވީ އެކި އެކި ދާއިރާތަކުން ދައުލަތަށާއި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ގާސިމް އެންމެ ފުރަތަމަ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ސަރުކާރު ހޮސްޕިޓަލެއްގެ ކާތިބެއްގެ މަގާމުންނެވެ. އެ ވަޒީފާގައި އުޅުއްވަމުން ލިބިލައްވާ ހުސްވަގުތުތަކުގައި ތަފާތު އެހެން މަސައްކަތްތައް ކުރައްވަން ފެއްޓެވުމަށްފަހު، އެންމެ ފުރަތަމަ ވިޔަފާރީގެ ބިންގާ އެޅުއްވީ އަމިއްލަ ގޯތި މޯގޭޖުކުރައްވައިގެން ނެންގެވި ލޯނަކުންނެވެ. އޭގެފަހުން:
ރާއްޖޭގެ ޝިޕިން ދާއިރާގެ ވިޔަފާރީ ތެރެއަށް ވަންނަވާ ވިލާ ކުންފުނި އުފެއްދެވި
މުދާ އިމްޕޯޓް ކުރަން ބޭނުންވާ ފައިސާ ހޯދަން ބޮޑުފިނޮޅު ރިސޯޓު ގަނެ، ފަން އައިލެންޑް ރިސޯޓުގެ ނަމުގައި ރިސޯޓެއް އުފެއްދެވި ހިސާބުން ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވެންނެވި
ރިސޯޓުތަކަށް ޓޫރިސްޓުން ގެނައުމަށް ޓްރާންސް މޯލްޑިވިއަން އެއާލައިންސް (ޓީއެމްއޭ) އުފެއްދެވި
1997ވަނަ އަހަރު ވިލާ އެއާ ނަމުގައި އިތުރު ވިޔަފާރީއެއް ފެއްޓެވި
މައުމޫންގެ ކެބިނެޓުގައި ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި
ނަޝީދުގެ ކެބިނެޓުގައި ހޯމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލެއްވި ހާއްސަ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވި
1990ގައި މަޖިލިސް މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ގާސިމް 17ވަނަ މަޖިލީހުން ފެށިގެން މިހާރުވެސް ހުންނެވި މާމިގިލީގެ މެމްބަރުކަން މެދުކެނޑުމެއްނެތި ހަތަރު ދައުރު އަދާކުރައްވާފައިވޭ
ގާސިމަށް މީގެ ކުރިން ވަނީ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް ވެސް 2013ވަނަ އަހަރު އަރުވާފަ އެވެ. މިހާތަނަށް ދައުލަތަށް ހިދުމަތް ކުރެއްވުމުގެ ރޮގުން ގިނަ ޝަރަފުތަކެއް ގާސިމަށް ލިބިވަޑައިގެންފައި ވެއެވެ. އެގޮތުން:
ވިޔަފާރި ކުރިއެރުވުމުގެ ރޮގުންނާއި، ޓޫރިޒަމް ދާއިރާގެ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވޭ
ޖަމާއަތަށް ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން 2007ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ލިބިވަޑައިގެންނެވި
މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން ވަނީ އިންސާނިއްޔަތަށްޓަކައި ހިދުމަތް ކުރުމުގެ ރޮގުން އިއްޒަތުގެ ލަގަބާއި އޮނަރަރީ ޕީއެޗްޑީވެސް އަރުވާފައިވޭ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިހާތަނަށް 37 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް އެކިއެކި ރޮގުން ގިނަ ހިދުމަތްތަކެއް ސޯބިރު ކޮށްދެއްވާފައި ވެއެވެ. ސޯބިރަށް މި ޝަރަފު އަރުވާފައިވަނީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި، އިގްތިސާދީ ދާއިރާއަށް، ހާއްސަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގެ މިނިސްޓަރެއްގެ ހައިސިއްޔަތުން އެ ދާއިރާތައް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތަކާއި، ހާރިޖީ ދާއިރާއިން ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމަށެވެ.
ސޯބިރުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މިއަދުގެ ޖަލްސާގައި އެ ޝަރަފާ ހަވާލުވެވަޑައިގެންނެވެން ނެތުމުން، އެ ޝަރަފާ ހަވާލުވެފައިވަނީ އެމަނިކުފާނުގެ ދަރިކަނބަލެކެވެ.
ސޯބިރުގެ ގައުމީ ހިދުމަތް ފެއްޓެވީ ރައީސް މައުމޫން ވެރިކަމާ ހަވާލުވުމަށްފަހު އުފެއްދެވި ނެޝަނަލް ޕްލޭނިން އެޖެންސީގެ ސްޓެޓިސްޓިކް ސާވޭ އޮފިސަރުގެ މަގާމުންނެވެ. 16 ޑިސެމްބަރު 1978ގައި އެ މަގާމަށް އައްޔަންވުމަށްފަހު، މަގާމުގައި ހުންނަވައިގެން ފެއްޓެވި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ 1985ވަނަ އަހަރުގެ ބޯހިމެނުމެވެ. އޭގެފަހުން:
ޕްލޭނިން އެޖެންސީ އުވާލައްވާ 1982ގައި އުފެއްދި ޕްލޭނިން އެންޑް ޑިވިލޮމްންޓް މިނިސްޓްރީގެ ޒިންމާދާރު މަސައްކަތްތައް ވެސް ކުރެއްވީ ސޯބިރު
ރައީސް މައުމޫން ރިޔާސީ ހަތަރުވަނަ ދައުރަށް ހުވާކުރެއްވުމަށްފަހު އެކުލަވާލެއްވި ކެބިނެޓުގައި ފިޝަރީޒް މިނިސްޓްރުގެ މަގާމު ސޯބިރު އަދާކުރެއްވި
ފަސްވަނަ ދައުރުގެ އަދި ހަވަނަ ދައުރުގެ ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި؛ އެންމެ ގިނަ ދުވަހު އެ މަގާމު މިހާތަނަށް އަދާކުރައްވާފައިވެސް ވަނީ އެބޭފުޅާ
ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެމްބަރުކަން 2000 އިން 2005އަށް ކުރެއްވި
ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް ބޭރުގެ އެހީ ހޯއްދުވުމަށްވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރެއްވި
ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ މަގާމުގައި 2007ވަނަ އަހަރު އަދާކުރެއްވި
ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ރާއްޖޭގައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރެއްވި
މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް ފުރުއްވި؛ މި ސަރުކާރުގައި ވެސް އެމަގާމު ފުރުއްވަނީ ސޯބިރު
މުއުތަސިމް، ސޯބިރު އަދި ގާސިމަށް ނިޝާން އިއްޒަތުގެ ޝަރަފު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ