އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވެރިކަން ހޯދައި ދިނުމަށް އުފެއްދި ކޯލިޝަން ރޫޅިއްޖެނަމަ އެ ކޯލިޝަނަށް ވޯޓު ދިން ރައްޔިތުން މާފު ނުކުރާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްރާން ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އަރައިގަނެވުނަސް އެކަމުގެ ފޮނިމީރުކަން އަދި އޮތީ ކުރިއަށް ކަމަށެވެ.
"އެހެންވީމާ ކުރިއަށް އޮތް ތަނުގައި އިތުރަށް ޕާޓީތައް ގުޅުން ވަރުގަދަކޮށް އެކަންކަމައިގެން ކުރިއަށް ދިއުން އެއީ ރައްޔިތުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ނުވަތަ މިހާރު އަޅުގަނޑު ވަރަށް ހަމަ ހިތުގެ އަޑިން ގަބޫލުކުރާ ކަމެއް. އަޅުގަނޑުމެން މިހާރު މި ގުޅިފައިވާ ކޯލިޝަން ސަރުކާރު ބަދަހިގޮތުގައި ފަސް އަހަރަށް ނުދަމަހައްޓައިފި ނަމަ އަޅުގަނޑުމެނަށް ވޯޓުލީ ބޭފުޅުން އަޅުގަނޑުމެނަށް މާފެއް ނުކުރާނެ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ޕާޓީތަކުން ގުޅިގެން މިފެށި އިސްލާހީ މަސައްކަތް ފެށުނީ ނުހައްގުން ވަރަށް އަނިޔާވެރި ގޮތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލީ ހިސާބުން ކަމަށެވެ. ރައީސް ނަޝީދު ޖަލަށް ލުމަށްފަހު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލަށްލައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމްގެ މުދާތައް ނުހައްގުން ސަރުކާރުގެ އަތްދަށަށް ގެނައުމުގެ މަސައްކަތް ކުރައްވާފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އިސްލާހަށްޓަކައި ކުރި މަސައްކަތުގެ ސަބަބުން އޭނާ އާއި އަދި އިތުރު އެތައް ބައެއް ޖަލަށް ގޮސް އަނިޔާތަކެއް ތަހައްމަލު ކުރަން ޖެހުނުކަމަށެވެ. އިމްރާން ވިދާޅުވީ މިއަދު އޭނާ މިނިވަންވެފައިވީ ނަމަވެސް ހަގީގަތުގައި މިނިވަންވީ ކަމަށް ގަބޫލުފުޅު ކުރެއްވޭނީ މޭޑޭގެ ހަރަކާތުގައި އެކުގައި ބައިވެރިވެ ޖަލުގެ އަނިޔާ ތަހަމައްލު ކުރަން ޖެހުނު ހުރިހާ އެންމެން މިނިވަން ވުމުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު އަދި މިނިވަނެއް ނުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މިނިވަން ވާނީ އެކެއް މޭގައި އަޅުގަނޑާއި އެކު ޖަލަށްލީ އެންމެން މިނިވަން ކުރި ދުވަހަކުން" އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޖަލުގެ އަނިޔާ އަކީ ކިހާ ވާރެއްގެ އަނިޔާއެއްކަން އިހްސާސްކުރެއްވިއްޖެ ކަމަށެވެ. އެހެންކަމުން މިނިވަންވެ މި ލިބުނު ދުވަސްކޮޅުގައި މޭޑޭގެ މުޒާހަރާގެ ތެރެއިން އެކުގައި ޖަލަށްލި އެންމެންނާ ޖަލުގައި ނުހައްގުން އަނިޔާ ލިބެމުންދާ އެންމެން މިނިވަން ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
ކޯލިޝަން ރޫޅިއްޖެނަމަ ރައްޔިތުން މާފެއް ނުކުރާނެ – އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ