އެކަށީގެން ނުވާ މިންވަރަށް ކޯލިޝަނުން އުއްމީދު ކޮށްގެން ނުވާނެ: އިމްރާން

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށްފައިވާއިރު، އެކަށީގެން ނުވާ މިންވަރަކަށް އެއްވެސް ކަމެއްގައި އެ ކޯލިޝަނުން އުންމީދު ކޮށްގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ، ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ އެކު، އޭނާ މި ވަގުތަށް މިނިވަންވުމާ ގުޅިގެން ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އެ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އެކަށީގެން ނުވާ މިންވަރަކަށް ކޯލިޝަނުން އުއްމީދު ކުރުމުގެ ނަތީޖާ އަކަށް ވާނީ އެ ކަމެއް ނުވުމުގެ މާޔޫސްކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް އޭގެ ހިތްދަތިކަން ވާސިލް ކުރުން ކަމަށެވެ.
"ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ކާމިޔާބު ކުރެވޭ ނަމަ، އެ މީހަކީ އިބްރާހިމް މުހައްމަދު ސޯލިހް،" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު ކޯލިޝަންގެ ކާމިޔާބީގެ އަސްލަކީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމާއި ސަރުކާރުގެ ކުންފުނިތަކަށް މީހުން އައްޔަން ކުރުމާއި ރާއްޖޭގެ އިގްތިސޯދީ މައްސަލަތަކާއި ބޮޑެތި ކުށްތަކާއި ޖަރީމާތަކަށް ހައްލު ހޯއްދަވަން އިބޫ މަސައްކަތްޕުޅު ފެއްޓެވުމާ އެކު، ކަންތައްތަކުގެ ފަސް ޕަސެންޓު ވެސް ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެއީ ކީއްވެ؟ އެއީ އެ އަށް ވުރެ މާ ގޮންޖެހުންތައް ގިނަ. އެހެންވީމާ، މި ހުރިހާ ކަމަކާ އަޅުގަނޑުމެން ކުރިމަތިލާއިރުގައި، އަޅުގަނޑުމެން ކޮންމެ މީހަކު ކުރިމަތިލަމާ ހިނގާށޭ މިއީ ތިމަންނަގެ އަމިއްލަ ޒިންމާއެކޭ ބުނެގެން. މި ކަމުން ފެއިލް ވެއްޖިއްޔާ މި ފެއިލް ވަނީ ތިމަންނައޭ ބުނެގެން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ދީނާއި ގައުމުގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް އޭނާ ދޫކޮށެއް ނުލައްވާނެ އެވެ. އެކަމަކު ވިދާޅުވީ، އޭނާ އަކީ "ވަރަށް ބަލިކަށި، އާރެއް ބާރެއް ނެތް، ނިކަމެތި" ބޭފުޅެއް ކަމަށާއި ނުކުރެއްވޭނެ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށެވެ. ނަމަވެސް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ.
އިމްރާން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށްޓަކައި ކޯލިޝަނުން ފެށި މަސައްކަތުގެ ނަތީޖާ ފެންނާނީ އެކުވެރިކަމާއި ސާބިތުކަންމަތީގައި ތިބެގެން ކަމަށެވެ. އޭގެ ބަދަލުގައި، ކަންކަން ނުވާ ކަމަށް ބުނެ އަދާލަތު ޕާޓީގެ ސަޕޯޓަރުން ފެއަށް ޖެހިއްޖެ ނަމަ، އެއީ އާރެއްބާރެއް ނެތް ޕާޓީ އަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި، ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ކުރިމަތިލާއިރު، އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދިނުމަށް އިމްރާން އެދިވަޑައިގަތެވެ. އެކަމަކު، އެއީ އުނދަގޫ މަސައްކަތެއް ކަން ފާހަގަކުރައްވައި އިމްރާން ވަނީ އަމިއްލަ ވިސްނުމަށް ކަންކަން ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި އެ މީހަކު ގަބޫލުކުރާ ގޮތަށް އެކަނި މަސައްކަތް ކުރަން ފަށައިފި ނަމަ، ތިން މީހުން އެއްކޮށް ދެ ދުވަސް ވަންދެން ނުތިބޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް އުފައްދަންޖެހޭ އެއް ސިފަ އަކީ، މި މަސައްކަތުގެ އެންމެ މުހިންމު އެއް ސިފަ އަކީ އަނެކުންނަށްޓަކައި އަނެކުންގެ ރައުޔަށް، ވިސްނުމަށް އިހްތިރާމްކޮށް، ކޮންމެ ފަދަ ހާލެއްގައި ވެސް އެންމެން އެކުގައި ދެވޭނެ ގޮތަށް ވިސްނުން ބައްޓަން ކުރަން،" އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ކޯލިޝަންގައި ތިބީ ހަތަރު ފިކުރުގެ މީހުންކަން ގަބޫލު ނުކޮށް، މަސައްކަތް ފަށައިގަނެވޭނެ އެއްވެސް ހަމައެއް ނެތެވެ. ހަތަރު ޕާޓީގެ މީހުންގެ ވިސްނުމުގެ ތަފާތު އިމްރާން ނެންގެވީ އިބޫގެ ކެމްޕެއިން މެނިފެސްޓޯ އިންނެވެ.
އިމްރާން ވިދާޅުވީ، ހަތަރު ޕާޓީން "ތަޅާފޮޅައިގެން، ކޮށައި މަށައިގެން" މެނިފެސްޓޯ އާންމު ކުރެވުނީ އެތައް ބަޔަކު މާޔޫސްވި ފަހުން، ރިޔާސީ އިންތިޚާބަށް 3-4 ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.
"އެކަމަކު، އުފާކުރާ ކަމަކީ އަޅުގަނޑުމެންނަށް ހައްލު ނެރެވޭ. ހައްލު ގެނެސްދެވޭ. އެކަމުގެ ހައްލު ގެނެސް ދެވެނީ ކިހާ އުނދަގުލުން، ކިހާ ބުރައިންތޯ، ކިހާ ތަކުލީފެއް އުފުލައިގެންތޯ އެއީ ސުވާލަކީ،" އިމްރާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ