ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލު ދެނެގަންނަނީ

ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރަށްގިރުމުގެ މައްސަލައަކީ، ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމަކީ ރަށްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށްވާއިރު މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރަށު ފެންވަރުގަޔާއި، ޤައުމީ ފެންވަރުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވެސް ދަނީ، އެކި ސިޔާސަތުތައް އެކުލަވާލާ އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ގްރީން ކްލައިމެޓް ފަންޑު އަދި ޖައިކާގެ އެހީގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ރަށްގިރުމުގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
"ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުުމުގެ މަސައްކަތް ދަނީ ކުރަމުން. މި މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. އަދި ހަމަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެބަ ކުރިއަށް ގެންދަން. ލ. އަތޮޅު 3 ރަށް، އެއީ ގަން، އިސްދޫ، ފޮނަދޫ އަދި އައްޑޫ އަތޮޅު މީދޫ. އަމަލީ މަސައްކަތުގެ ތެރެއިން ޑީޓެއިލް ޑިޒައިންގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައި" ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށްތަކުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތައް އެކަށީގެންވާ ގޮތެއްގައި ދެނެގަންނަން ޖެހޭ ކަމަށެވެ. ސަބަބަކީ އެކަން ދެނެގަނެވިގެން ނޫނީ އެކަމަށް ހައްލެއް ނުގެނެވޭނެތީ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެކަން މޮނިޓަރ ކުރުމަށް މޮނިޓަރ ޓޫލްއެއް ތައްޔާރުކޮށްފައިވާ ކަމަށާއި، އެ މޮނިޓަރިން ޓޫލް ބޭނުންކޮށްގެން 2015 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ ރަށްތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯސްޓަލް ހެޒަޑް މެޕް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން 102 ރަށެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މެޕް ތައްޔާރު ކުރަނީ، ކައުންސިލްތަކުން އަންނަ ޝަކުވާތަކަށް ބަލައި އެކަން ދެނެގަނެގެންނެވެ. މި މެޕްގައި ރަށްތަކުގެ ގިރާ ސަރަހައްދުތަކާއި، ވޮޑޭ ސަރަހައްދުތަކާއި، އުދައަރާ ސަރަހައްދުތައް ދައްކުވައިދޭނެ ކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ