އެމެރިކާގެ މިސްކިތެއްކައިރީގައި ދިން ބަޑީގެ ހަމަލާއެއްގައި ތިން މީހުން މަރާލައިފި

އެމެރިކާގެ ކެލިފޯނިއާގެ ސަން ޑިއޭގޯ ކައުންޓީގައި ހުންނަ އެންމެ ބޮޑު މިސްކިތް ކަމަށްވާ "އިސްލާމިކް ސެންޓަ އޮފް ސަން ޑިއޭގޯ" ކައިރީގައި ދިން ބަޑީގެ ނުރައްކާތެރި ހަމަލާއެއްގައި ތިން މީހަކު މަރާލައިފިއެވެ.
މިސްކިތުގެ ގޯތިތެރޭގައި ދިން މި ހަމަލާގެ ރިޕޯޓް ލިބުމާއެކު ހަތަރު މިނެޓު ތެރޭގައި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، މިސްކިތް ކުރިމަތިން ވަނީ ބަޑިޖަހާ މަރާލާފައި އޮތް ތިން މީހެއްގެ ހަށިގަނޑު ފެނިފައެވެ.
މި ލޭއޮހޮރުވުން ހިންގި ކަމަށް ތުހުމަތުކުރެވޭ އުމުރުން 19 އަހަރުގެ ޒުވާނަކާއި 17 އަހަރުގެ ކުއްޖާ ވެސް، ހާދިސާ ހިނގި ސަރަހައްދާ ކައިރިން، މަގުމަތީގައި ހުއްޓާފައި އޮތް ކާރެއްގެ ތެރޭގައި މަރުވެފައި ތިއްބާ ފަހުން ވަނީ ފެނިފައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ސަރަހައްދަށް ދިޔަ ސަލާމަތީ ބާރުތަކުން އެއްވެސް ބަޑިއެއް ބޭނުންކޮށްފައެއް ނުވެއެވެ. އަދި ބެލެވޭ ގޮތުގައި އެ ދެ ކުދިން މަރުވެފައިވަނީ އަމިއްލަ ހަށިގަނޑަށް ބަޑިޖަހައިގެންނެވެ.
ސަން ޑިއޭގޯގެ ފުލުހުންގެ ވެރިޔާ ސްކޮޓް ވޯލް ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުންދަނީ ނަފްރަތުގެ ސަބަބުން ހިންގާފައިވާ ޖަރީމާއެއް (ހޭޓް ކްރައިމް) ގެ ގޮތުގައި ކަމަށެވެ. އަދި މި ހާދިސާގެ ފަހަތުގައި ނަފްރަތު އުފައްދާ ފަދަ ވާހަކަތަކެއް އެކުލެވިގެންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ ސެކިއުރިޓީ ގާޑު ހިމެނެއެވެ. އޭނާ ދެއްކި ހިތްވަރުގެ ސަބަބުން އިތުރު ބަޔަކަށް ގެއްލުންވިޔަނުދީ، ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، މަރުވި އަނެއް ދެ މީހުންނަކީ ކޮން ބައެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގުމުގެ ދެ ގަޑިއިރު ކުރިން، ތުހުމަތުކުރެވޭ އެއް ކުއްޖެއްގެ މަންމަ ވަނީ އޭނާގެ ދަރިފުޅު އަމިއްލައަށް މަރުވާން އުޅޭ ކަމަށާއި، ގޭގައި ހުރި ހަތިޔާރާއި ކާރު ހިފައިގެން ގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ފުލުހުން އެ ކުއްޖާ ހޯދުމަށް އޭނާ ކިޔަވާ ހައިސްކޫލް ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް، މިސްކިތް ކައިރީގައި ބަޑިޖަހާ ކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް މިސްރާބު ބަދަލުކުރީއެވެ.
މިސްކިތުގެ އިމާމް ތާހާ ހައްސާން ވިދާޅުވީ، މިސްކިތުގެ މުވައްޒަފުންނާއި، ޓީޗަރުން އަދި ދަރިވަރުން ތިބީ ސަލާމަތުން ކަމަށެވެ. އަދި އަޅުކަންކުރާ ބިނާއެއްގެ ކައިރީގައި މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ނަފްރަތުގެ ސަބަބުން ހިންގާ މިފަދަ ޖަރީމާތަކާއި، ބަޑީގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޚާއްސަކޮށް މުސްލިމުންނާއި، އެކި ނަސްލުތަކުގެ މީހުންނަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތަކާ ގުޅިގެން، އެމެރިކާގައި ދިރިއުޅޭ މުސްލިމް މުޖުތަމައުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ