ވިކޭނީ އަތުގައި އެއްޗެއް ނެތް މީހާ ކަމަށް ބުނެ، ގާސިމް ނަޝީދަށް ރައްދުދެއްވައިފި
ވިކޭނީ އަތުގައި އެއްޗެއް ނެތް މީހާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފި އެވެ. ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކަންކަން ފުއްދަންވީމާ، ކަމެއް ހާސިލު ކުރަން ބޭނުން ވީމާ މަހުޖަނުން ބޭނުންވާ ކަމަށެވެ. އަދި އެކަމެއް ފުދުމުން މަހުޖަނުންނަށް "ހޯހޯ" ބުނާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ގައުމުގައި ޒިންމާ އުފުލަން ތިބި، ހިންގުންތެރި ބައެއްގެ ގޮތުގައި ތިބީ ގައުމު ހިންގަން ތިބި މީހުންނާއި ތަނަވަސް މީހުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "ގައުމުގެ އިންޖީނަކީ ޕްރައިވެޓް ސެކްޓާ. ބިޒްނަސްތައް. ބިޒްނަސް އަށް ލިބޭ އެއްޗަކުން ގައުމު ހިންގަނީ،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވާހަކަތަކަށް ވެސް ގާސިމް ވަނީ ރައްދު ދެއްވައިފަ އެވެ. އެގޮތުން ވެރިކަން ދެމެހެއްޓުމަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވާ ވާހަކައަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ މިގައުމުގައި ދިރިއުޅެން ޖެހޭ ބަޔަކީ ތިމަންނަމެން އެކަންޏޭ އެއްވެސްބަޔަކު ހީކޮށްގެން ނުވާނެ ކަމަށެވެ. "ވާހަކަ ދެއްކިދާނެ ކޮންމެ ގޮތަކަށް ވެސް. ރާއްޖޭގެ ރައްޔިތުން ތިބީ އެންމެ މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން އެންމެ މީހަކު ޖަހާހާ ބެރަކަށް ޑާންސު ކުރާކަށް ނޫންކަން އަދި ފާޑުފާޑުގެ އެއްޗެހި ހިފައިގެން ގޯޅިގޯޅި ކަންމަތީ ބިތްޖެހިފައި ތިބޭކަށް ނޫންކަން އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުން ސާފުކޮށްދެއްވަމުން އެބަ ގެންދަވާ." ގާސިމް ވިދާޅުވީ ހިޔާލީ ފޮލާ ކައްކަމުންދާ މީހަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަން މުޅި ދުނިޔެ ދަންނަ ކަމަށެވެ. ވަކި ޕާޓީ އަކަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ސަރުކާރެއް ނޯންނާނެއޭ ބުނެ ދައްކާ ވާހަކަ ހަމަނުޖެހޭ ކަމަށާއި ބޮޑު ބަސް ބުނެގެން އެއްވެސް ކަމެއް ހާސިލު ނުވާނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ކަމެއް ކުރެވިފައިވާ ނަމަ އޭގެ 50 ޕަސެންޓު ހިއްސާ އަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ. ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމަށެވެ. އަދި މަޖިލީހަށް ހޮވިވަޑައިގަންނަވާ މެންބަރުން ވިޔަފާރި ކުރެއްވުން ހުއްޓާލެއްވުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ