ބާރަ ފޫޓް ބާރަ ފޫޓްގެ ކުޑަ ކޮޓަރިއެއްގައި އާންމު މެންބަރުންނަށްވެސް ނާންގާ ޕާޓީ ރަހީނުކޮށްގެން ތިބި ބަޔަކު ބާއްވާ ކޮންގްރެސްއެއް ސައްހައެއް ނުވާނެކަމަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށްވެސް ސިއްރުން ޕީޕީއެމް މިވަގުތު ހިންގަން ތިބި ބޭފުޅުން ބާއްވަމުންދާ "ޕީޕީއެމް ޚާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ"އާއި ގުޅޭގޮތުން ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައިވެސް ހުންނެވި ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ ބާރަ ފޫޓް ބާރަ ފޫޓްގެ ކުޑަ ކޮޓަރިއެއްގައި އާންމު މެންބަރުންނަށްވެސް ނާންގާ ޕާޓީ ރަހީނުކޮށްގެން ތިބި ބަޔަކު ބާއްވާ ކޮންގްރެސްއެއް ސައްހައެއް ނުވާނެކަމަށެވެ.
އަދި މިހާރު ކުރިއަށްދާ އެ ކޮންގްރެސްއަކީ ސައްހަ ކޮންގްރެސް ނޫންކަމަށް ނިިންމާ ޕީޕީއެމްގެ އުފެއްދި އެޕާޓީގެ ބާނީ އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި ޕީޕީއެމް ހަވާލުކުރާނެކަމަށްވެސް މަލީހް ވިދާޅުވިއެވެ.
މިއަދު ދަރުބާރޭގައި ރައީސް ޔާމީން ބަޔަކު ގޮވައިގެން ބާއްވަމުންދަނީ ކޮންގްރެސްއެއް ނޫންކަމަށާ އެއީ "ބަތްކައްކާ ކުޅުން"ކަމަށްވެސް މަލީހް ވިދާޅުވިއެވެ.
ކުރިން ޕީޕީއެމްގެ މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ޕީޕީއެމްގެ އާންމު މެންބަރުންގެ ބަހެއްނެތި، ސިއްރިޔާތުގައި ކޮންގްރެސްއެއް ބާއްވައިގެން އަސާސީ ގަވާއިދާ ޚިލާފަށް އަމިއްލަ ޒާތީ މަސްލަހަތުގައި މިގޮތައް ޕާޓީއެއް ގުރުބާން ކުރަން އެއްވެސް ފަރާތަކުން ފުރުސަތު ދީގެންނުވާނެކަމަށެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ކޮންރެސްއަކީ ގައިރު ގާނޫނީ ކޮންގްރެސްއެއްކަމަށް ވިދާޅުވެ އެ ކޮންގްރެސް ބަލައިނުގަތުމަށް އަމީތު ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް ގޮވާލާފައެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވަނީ ރައީސް މައުމޫނާއިއެކު ތިއްބެވި ޕާޓީގެ މެންބަރުން ކަންބޮޑުވެވަޑައިނުގަތުމަށް އެދިވަޑައިގެންފައެވެ.
ވަހީދު ވިދާޅުވީ މީޑިއާއާވެސް ސިއްރުން ޕީޕީއެމްގެ އިންތިޚާބީ ލީޑާޝިޕް ނޫން ފަރާތަކުން ކޮންގްރެސްގެ ނަމުގައި މަގާމުތަކެއް އިއުލާނުކުރިނަމަވެސް، ބާތިލްކަމެއްގެ ފެށުމާއި، ނިންމުންވެސް އަދި އެ ދެމެދުގައި ތަރުތީބުކޮށް ނިންމި އަދި ހިނގި ކޮންމެ ކަމެއްވެސް ވާނީ ބާތިލް ކަންތައްތަކަށްކަމަށެވެ. އެއީ ވަރަށް ސާފުކަމެއްކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
ކޯޓް މެދުވެރިކޮށް ޕީޕީއެމްގެ ހިންގުން އެޕާޓީގެ ރައީސް މައުމޫންގެ ކިބައިން ނިގުޅައިގަތުމަށްފަހު މިއަދާއިހަމައަށް ޕީޕީއެމްގެ ހިންގަމުންދަނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ހިންގުމުގައި އެއްވެސް ދައުރެއް ނެތް، ޕާޓީގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަން ނިމެންކައިރިވެފައިވާއިރު، ވެރިކަމުގައި ނުހުންނަވާނަމަ އެ މަގާމުވެސް އެމަނިކުފާނަށް ގެއްލިވަޑައިގަންނަވާނެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިވުމާއި ގުޅިގެން އެމަނިކުފާނުގެ އާރާއި ބާރު ގެއްލުމުން، ސިޔާސީގޮތުން ޖަލުގައި ހައްޔަރުކޮށްފައިވާ ބޭފުޅުން ވަނީ މިނިވަންވާން ފަށާފައެވެ. އެހެންކަމުން "ޕީޕީއެމް ޚާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ"ގެ ނަމުގައި އަވަސް އަރުވާލައިގެން ކޮންގްރެސްއެއް ބާއްވަނީ ޕީޕީއެމްގެ ކޮންޓްރޯލް ހޯދުމަށްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮންގްރެސް ސައްހައެއް ނުވާނެ، ރައީސް މައުމޫން ޕީޕީއެމާއި ހަވާލުވާނެ: މަލީހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ