އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ.
މޮރީނިއޯ އެ ކުލަބުން ވަކިކުރީ ފަހަކަށް އައިސް އެ ކުލަބުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ފަހަކަށް އައިސް ނެރެމުންދާ ނަތީޖާތަކާއި ގުޅިގެން ޔުނައިޓެޑުގެ ގިނަ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި މޮރީނިއޯގެ އިސްތިއުފާ ގޮވާފައެވެ.
އުމުރުން 55 އަހަރުގެ މޮރީނިއޯ އެ ކުލަބުން ވަކިކޮށްފައިވަނީ ދެ އަހަރާ ބައި ގެ މުއްދަތަކަށް އެ ކްލަބުގައި ބެހެއްޓުމަށްފަހުގައެވެ. އޭނާ މަގާމުން ވަކިކުރިއިރު އެންމެ ފަހުން އެ ޓީމު ލިވަޕޫލްއާއި ވާދަކޮށް 3-1 އިން ބަލިވުމާއެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ކުޑަވެފައެވެ.
ޗެލްސީގެ ކޯޗުކަމުން ވަކިކުރުމާއި ގުޅިގެން މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވީ ތިން އަހަރުދުވަހުގެ މުއްދަތަކަށް 2016 ވަނަ އަހަރުގައެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2019 ގައެވެ. ޔުނައިޓެޑާއެކު މޮރީނިއޯ ހޭދަކުރި ފުރަތަމަ ދުވަސްކޮޅު އޭނާ ވަނީ އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގަފަހުން އެޓީމަށް އެއްވެސް ކާމިޔާބީއެއް ނުލިބެއެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ މިއަހަރުގެ ޖެނުއަރީގައި މޮރީނިއޯގެ ކޮންޓްރެކްޓް 2020 ގެ ނިޔަލަށް އާކޮށްފައެވެ.
މޮރީނިއޯ ވަކިކުރުމާއި ގުޅިގެން ކްލަބުން ނެރުނު ބަޔާނުގައި އެ ކުލަބުން ވަނީ މޮރީނިއޯ ކްލަބުގައި ހޭދަކުރި މުއްދަތުގައި ކޮށްދިން މަސައްކަތަށް ޝުކުރުއަދާކޮށްފައެވެ. އަދި މުސްތަގުބަލުގައި ރަނގަޅު ކާމިޔާބީއަކަށް އެދޭ ކަމަށެވެ. މި ސީޒަން ނިމެންދެން ކްލަބާ ހަވާލުވާނީ އެ ޓީމުގެ ވަގުތީ މެނޭޖަރު ކަމަށާއި އާ ކޯޗަކާއި މެދު ވިސްނާނީ އަންނަ ސީޒަނަށް ކަމަށްވެސް ބުނެފައިވެއެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ