އިރުއިރުކޮޅާއި ކަރަންޓު ކެނޑޭތީ ކިހާދޫން ގިނަ ސާމާނުތަކެއް ހަލާކުވަނީ

އިރުއިރުކޮޅާއި ބ. ކިހާދޫން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ގިނަ އަދަދެއްގެ އިކްޓްރޯނިކް ސާމާނަށް މައްސަލަ ދިމާވެއްޖެ އެވެ.
ސީއެންއެމްއާ ވާހަކަ ދައްކަވަމުން ކިހާދޫ ކައުންސިލުގެ ރައީސް އިބްރާހީމް ފަޒީލު ވިދާޅުވީ، ރަށުން ކަރަންޓު ކެނޑޭ މައްސަލަ މިފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާ ކަމަ ށެވެ.
ފެނަކައިން ހިންގަމުން އަންނަ އެރަށު އިންޖީނުގޭގައި ތިން ޖަނަރޭޓަރު ހުރެ އެވެ. އެއީ 140 ކިލޯވޮޓާއި 100 އަދި 90 ކިލޯވޮޓްގެ ޖަނަރޭޓަރެ ކެވެ. އެކަމަކު، 100 ކިލޯވޮޓުގެ ޖަނަރޭޓަރުގެ ޑައިނަމޯގެ ކޮއިލް ހަލާކުވެފައިވާތީ އެ ޖަނަރޭޓަރުގެ ބޭނުން މިހާރު ނުކުރާ ކަމަށް ފަޒީލް ވިދާޅުވި އެވެ.
"ކޮއިލް އޮޅާލަން ވެގެން ޑައިނަމޯ ފޮނުވާފަވީ. އެކަމަކު އަދި ނުލިބޭ. ދެން ކެމްޕެއިން ދުވަސްކޮޅު މިރަށަށް ގެނައި 140 ކިލޯވޮޓުގެ ޖަނަރޭޓަރެއް އެއީ"
މީގެއިތުރުން ފަޒީލް ވިދާޅުވީ، މިހާރު މައްސަލަ ދިމާވެފައިވަނީ 140 ކިލޯވޮޓުގެ ޖަނަރޭޓަރުގައި ކަމަ ށެވެ. އެގޮތުން އެރަށު އިންޖީނުގެ ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތާއި އެކަމާއި ވާހަކަ ދެއްކެވުމުން ވިދާޅުވީ، ޖަނަރޭޓަރުގެ ކަނެކްޝަނުގައި މައްސަލައެއް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރުއިރުކޮޅާއި ކަރަންޓު ކެނޑޭ. އެކި ފަހަރު އެކި އެލާމް އަޅަނީ. ދެން އެއީ ކަނެކްޝަނުގެ މައްސަލައެއް ކަމަށް މިކޮޅުން ބުނަނީ. މިކޮޅުގަ ނުހުރޭ ޓެކްނީޝަނެއް ވެސް. އެހެންވީމަ އެކަން ހައްލު ނުވެގެން މިއުޅެނީ." ފަޒީލް ވިދާޅުވި އެވެ.
ކިހާދޫ އިންޖީނުގެ-- ފޮޓޯ: ކިޔުންތެރިއެއް
ފަޒީލް ވިދާޅުވީ އިރުއިރުކޮޅާއި ކަރަންޓޫ ކެނޑޭތީ އޭސީއާއި ރެފްރިޖަރޭޓަރާއި އަދިވެސް އެނޫންވެސް އަގުބޮޑު ކަރަންޓު ސާމާނަށް މައްސަލަ ދިމާވެ، ބައެއް ތަކެތި ބޭނުން ނުކުރެވޭ ކަމަށެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ، މިއަދު ވެސް ދެތިން ފަހަރަށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި އެގޮތަށް ކަރަންޓު ކެނޑުމުގެ ސަބަބުން އެގޭގައި ހުރި ޓީވީ ގޮވާފައިވާ ކަމަށް އެމީހާއި ބުނެ އެވެ.
ހަ ސަތޭކަ އެއްހާ މީހުން ދިރިއުޅެމުން އަންނަ ކިހާދޫގައި ކަރަންޓުގެ މައްސަލަ ބޮޑުވެ ކަރަންޓު ކެޕޭސިޓީ އިތުރު ކޮށްދިނުމަށް ފެނަކައަށް މީގެކުރިން ވެސް ސިޓީ ފޮނުވި ނަމަވެސް އެކަމަށް ޖަވާބެއް ލިބިފައި ނުވާކަމަށް ފަޒީލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ