ގާސިމް "މައިތިރިވާން" އެމްޑީޕީގެ ތަރުޖަމާނު އެދިއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް "މައިތިރިވާން" އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން، ހާމިދު އަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ.
ހާމިދު މިގޮތަށް ވިދާޅުވެފައި މިވަނީ، ގާސިމް މިއަދު ރީ-ޓްވީޓު ކުރެއްވި ޓްވީޓަކާއި ގުޅިގެން އިދިކޮޅު އިއްތިހާދުގެ ތެރޭގައި ކޯޅުން ބޮޑުވެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ހާމިދު ވިދާޅުވެފައި ވަނީ ގާސިމްވެސް "އެހާ ބާރަށް" ނޫޅުއްވުމަށާއި، "ކުޑަކޮށް މައިތިރި ވާން" ވެއްޖެ ކަމަށް ވިދާޅުވެފައެވެ.
"ގާސިމްވެސް އެހާ ބާރަށް ނޫޅުއްވާ، ކުޑަކޮށް މައިތިރިވާން ވެއްޖެނު!" ހާމިދުގެ ޓްވީޓުގައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒަށް އިޝާރާތްކުރައްވާ ހާމިދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، "އިއްޔެ ހެދުނުވެސް އޭގެ ކުޑަ ބޭޅާ އަހިރު އެހާ ބާރަށް ނޫޅުއްވަން ދަންނަވާލޭމާ، އަޑި ނޭނގޭ ޓްވީޓާ މުއައްސަސާތަކެއް ވަރަށް ކޯފާއިސްވެ، ކޯލިޝަން ހަލާކު ކުރާތީ ވަރަށް ހައްޤު ބަސް ވިދާޅުވި،" ކަމަށާއި އޭނާއަށް ވެސް "ރޮވުނު" ކަމަށެވެ.
އަލްހާނުގެ ޓްވީޓް، ރީ-ޓްވީޓު ކުރެއްވުމާއި ގުޅިގެން ގާސިމަށް އެމްޑީޕީ އެކްޓިވިސްޓުންނާއި ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިއުން އަމާޒުވަމުންދާއިރު، ގާސިމް ވަނީ އެ ޓްވީޓުގެ ދިފާޢުގައި ފަހުން އިތުރު ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ގާސިމް ވިދާޅުވީ، އަލްހާންގެ ޓްވީޓު ރީ-ޓްވީޓު ކުރެއްވީ، އޭނާ ވިދާޅުވީ ޤާނޫނީ ގޮތުންނާއި ދީނީގޮތުން ބެލިޔަސް ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ