ރިޔާސީ އިންތިޚާބާއި ދިމާކޮށް ނ. މާފަރުގައި ރައީސް އަބްދުﷲ ޔާމީން ހުޅުއްވައިދެއްވި އެއަރޕޯޓު ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އެންޓިކަރަޕްޝަން ކަމިޝަން، އޭސީސީ އިން ރީޖަނަލް އެއަރޕޯޓަށް އަންގައިފިއެވެ.
އޭސީސީން ބުނީ އެމަސައްކަތް ހުއްޓުވާފައިވަނީ މާފަރު އެއަރޕޯޓް ދިނުމުގައި ބިޑިން ޕްރޮސެސްގައި ކަރަޕްޝަން އެކުލެވޭ ކަމަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރާތީ ކަމަށެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ސަރުކާރަށް ދިން 60 މިލިއަން ޑޮލަރު (927 މިލިއަން ރުފިޔާ) އިން ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އެންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ.
އެމައްސަލައިގެ ތަހުގީގު ތެރެއިން ރީޖަނަލް އެއަރޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު މަހްރީން ސަސްޕެންޑު ކުރުމަށް އޭސީސީ އިން ސިވިލް ސާރވިސް ކަމިޝަން ގައި ވަނީ އެދިފައެވެ. މަހުރީން ސަސްޕެންޑު ކުރަން އެންގީ މާފަރު އެއރޕޯޓާ ގުޅިގެން ލިބުނު ޝަކުވާގެ މައްސަލައެއް ބަލަމުންދާތީ ކަމަށް އޭސީސީން ބުނެއެވެ. އެހެން ނަމަވެސް މަހްރީން ސަސްޕެންޑް ކުރިކަމެއް އަދި ސާފެއް ނުވެއެވެ.
އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން ހަދާފައިވާ މާފަރު އެއަރޕޯޓްގައި 2،200 މީޓަރުގެ ރަންވޭއެއް ވަނީ ހަދާފަ އެވެ. އެއަރޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަކަށެވެ. މިއެއަރޕޯޓްގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއަރބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
މާފަރު އެއަރޕޯޓު ހުޅުވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 28 ގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މާފަރު އެއާޕޯޓުގެ ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ދިނުން މަޑުޖައްސާލުމަށް އޭސީސީން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ