ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ހ. ބައިކަނޑިގޭ، މަރިޔަމް ނަޒާހާގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތައް ސާބިތުކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށް އޭނާގެ ދިފާއީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ޖަލު ޔުނީފޯމުގައި ހާޒިރުކޮށްފައި އިން ނަޒާހާގެ ދިފާއުގައި ވަކާލާތުކުރައްވަމުން ސުއޫދު ވިދާޅުވީ ނަޒާހާގެ ކުރީގެ ފިރިމީހާ މ. އެދުރުގޭ، ހަސަން ޝާހިދު (ޝާޑު)ނަޒާހާއަށް އަނިޔާކުރަމުން ދިޔަކަން ސާބިތުވާނެ ކިތަންމެ ކަމެއް ދަށު ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެކަންކަން ސާބިތުކުރުމުގެ ފުރުސަތު ދަށު ކޯޓުން ދީފައިނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި މައްސަލަ ނިންމުމުގައި ގާނޫނު އަސާސީއާ ހިލާފަށް ވެސް ބައެއް ކަންކަން ނިންމާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. ވީޑިއޯ: ޝަރީއަތަށް ފަހު ނަޒާހާ އަނބުރާ ޖަލަށް ގެންދިއުން
ނަޒާހާ އޯލެވެލްގެ އިމްތިހާނަށް ދިޔުމަށްޓަކައި މަގުމަތީގައި ހުއްޓާ ޝާޑު ގޮސް އޭނާގެ ގައިގައި ތަޅައި ވަރަށް އަނިޔާކޮށްފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އިމްތިހާނު ހޯލުގެ ބަދަލުގައި އެ ދުވަހު ނަޒާހާއަށް ދާންޖެހުނީ ހޮސްޕިޓަލަށް ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ނަޒާހާ ބަލިވެ އިންދާ އޭނާގެ ކަރުގައި ހިފައި ޖޯއްޔަކަށް ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަން ކޮށްފައި ވަނީ ނަޒާހާގެ އަދި ޝާޑުގެ އާއިލާގެ ވެސް ކުރިމަތީގައި ކަމަށް ވަކީލު ވިދާޅުވި އެވެ.
އެތައް ގޮތަކަށް، އެތައް ދަރަޖައަކަށް، އެތައް ދުވަހެއް ވަންދެން ޝާޑުގެ ފަރާތުން އަނިޔާ ލިބިފައިވުމުގެ ސަބަބުން ނަޒާހާއަށް ހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ވެފައި ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ނަޒާހާއަށް ހަމަލާދެވުނީ ބިރުން ހުރެ ޝާޑު ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.
ޝާޑު މަރުވި ދުވަހު ނަޒާހާ ދިރިއުޅުނު ކޮޓަރިއަށް އޭނާ ވަދެފައި ވަނީ ގަދަކަމުން ކަމަށް ސުއޫދު ވިދާޅުވި އެވެ. ޝާޑު ކޮންމެވެސް އެއްޗެކޭ ބުނަން ފެށުމުން ނަޒާހާއަށް ހީކުރެވުނީ، ބޭރުގައި ތިބި އެހެން ބަޔަކަށް ޝާޑު ގޮވަނީ ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި ލިބިދާނެ އަނިޔާއަކުން ސަލާމަތްވުމަށް ބިރުން ނާޒާހައަށް ޝާޑު ގަޔަށް ހަމަލާ ދެވުނީ ކަމަށް ވަކީލު ވިދާޅުވި އެވެ.
ޝާޑަށް ހަމަލާދިނުމުގައި ނަޒާހާގެ ޖިނާއީ ގަސްދެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. ޝާޑަށް ހަމަލާ ދިނުމަށް ޝާޑު ހުރި ތަނަކަށް ނަޒާހާ ގޮސްފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ޝާޑަށް ހަމަލާ ދީފައި ވަނީ އެއް ފަހަރު ކަމަށާއި ހަމަލާދިން ވަޅިއަކީ، އޭގެ ކުރީ ދުވަހު ކޭބަލެއް ބުރިކުރުމަށް ފަހު ޓީވީ ކައިރީގައި ބައިންދާފައި އޮތް ވަޅިއެއް ކަމަށާއި އެހެންކަމުން އެ ކަމުން ވެސް ނަޒާހާގެ ޖިނާއީ ގަސްދެއް ނެތްކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާއަށް ފަހު ފުލުހުންނަށް ގުޅާފައި ވަނީ ވެސް ނަޒާހާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ފުލުހުންނަށް ވަޅި އޮތް ތަން ދައްކާފައި ވަނީ ވެސް ނަޒާހާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެކަންކަމުގެ މައްޗަށް ބަލާއިރު ވެސް ޝާޑު މަރާލުމުގެ ޖިނާއި ގަސްދު ނަޒާހާގެ ނެތްކަން ސާބިތުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ނަޒާހާގެ ފަރާތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބެލުމެއް ނެތި ދަށު ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ފުލުހުންގެ ތަހުގީގަށް ނަޒާހާ ދީފައިވާ އިއުތިރާފު ބަޔާނުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ. އެ ބަޔާނަކީ ހާދިސާ ހިނގިތާ 24 ގަޑިއިރު ވެސް ނުވަނީސް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ގެއްލުންވެފައި ހުރި ދަނޑިވަޅެއްގައި ނަގާފައިވާ ބަޔާނެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އަދި އެ ބަޔާނަށް ރިއާޔަތްކޮށް ދަށު ކޯޓުން މައްސަލަ ނިންމާފައި ވަނީ ގާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ނަޒާހާގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ދަށު ކޯޓުން ސާބިތުކޮށްފައި ވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ އ. ހިލާފަށް އެކަށީގެންވާ ޝައްކުތަކެއް ހުއްޓާ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ކުށް ނަޒާހާގެ މައްޗަށް ސާބިތު ކުރިއިރު، ގަސްދު ސާބިތު ކުރި ހަމަތަކެއް ކަނޑައަޅާފައި ނެތުމުގެ އިތުރުން، އެކަމުގައި ނަޒާހާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ނަޒާހާގެ ފަރާތުން ސުއޫދު އެދިވަޑައިގެންނެވީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ނަޒާހާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމެވެ. ނުވަތަ އެ މައްސަލައިގައި ދަށު ކޯޓުން ބަލަންޖެހޭ ކަންތައްތަކެއް ބަލާފައިނުވާތީ، އެ މައްސަލަ ބަލަންޖެހޭނެ ގޮތްތަކުގެ އުސޫލެއް ކަނޑައަޅައި އަލުން އެ މައްސަލަ ބެލުމަށް ދަށު ކޯޓަށް އަމުރު ކުރުމެވެ.
ސުއޫދުގެ ވާހަކަތައް ރައްދު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓާ މަހާޒް އަލީ ޒާހިރު ވިދާޅުވީ ދަށު ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ރަނގަޅަށް ކަމަށެވެ. އަދި އެ މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭނެ ތަނެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
މަހާޒް ވިދާޅުވީ އެ މައްސަލަ ނިންމުމުގައި ކޯޓުން ބަލާފައި ވަނީ ތަހުގީގަށް ނަޒާހާ ދީފައިވާ ބަޔާނަށް ކަމަށް ބުނި ނަމަވެސް މައްސަލަ ނިންމުމުގައި ކޯޓުން އެއްވެސް ވަރަކަށް އެ ބަޔާނަށް ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. ޝާޑަށް ނަޒާހާ ހަމަލާދީފައި ވަނީ ދިފާއުގައި ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް އެ މައްސަލަ ނިންމުމުގައި ކޯޓުން ކަނޑައަޅާފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން ހަމަލާދިންކަން ސާބިތުވާއިރު އަދި އެއީ ދިފާއުގައި ކަމަށް ބެލެވެން ނެތުމުން ތަހުގީގު ބަޔާނަށް ބަލަންނުޖެހޭ ކަމަށާއި ބަލާފައި ނުވެސްވާ ކަމަށް މަހާޒް ވިދާޅުވި އެވެ.
ނަޒާހާ ޝާޑަށް ހަމަލާދީފައި ވަނީ ޝާޑު ނަޒާހާގެ ކޮޓަރިއަށް ވަންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވަކީލު ވިދާޅުވި އެވެ. އެއިރު ޝާޑު ހުރީ ފަހަތަށް އެނބުރި ކަމަށް ވަކީލު ވިދާޅުވި އެވެ. ފަހަތަށް އެނބުރި ހުރި މީހެއްގެ ކިބައިން ސަލާމަތްވުމަށް އެތައް ކަމެއް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެފަދަ މައްސަލައެއްގައި ގަސްތު ސާބިތު ކުރެވޭނީ ދެ ގޮތަކަށް ކަމަށް އިސްލާމީ އިލްމުވެރިން ވާހަކަ ދައްކާފައިވާ ކަމަށް މަހާޒް ވިދާޅުވި އެވެ. ފުރަތަމަ ގޮތަކީ ކުށް ކުރުމަށް ބޭނުން ކުރި އާލާތް ކަމަށާއި ދެ ވަނަ ގޮތަކީ ކުށް ކުރި މީހާ ބުނާ ބުނުން ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ބައެއް ހާލަތްތަކުގައި ކުށް ކުރި މީހާ ބުނާ ބުނުން ނަފީވެގެންދާއިރު ގަސްތު ސާބިތު ކުރުމުގެ މައިގަނޑު އެއްޗަކީ ބޭނުން ކުރި އާލާތް ކަމަށް އިލްމުވެރިން ބުނެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޝާޑަށް ހަމަލާ ދިނުމަށް ނަޒާހާ ބޭނުންކޮށްފައި ވަނީ ވަޅިއެއް ކަމަށާއި އެއްވެސް މަރުހަލާއެއްގައި އެކަމާމެދު ޝައްކު އުފެދިފައިނުވާ ކަމަށް މަހާޒް ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުން ހައި ކޯޓުގައި މިއަދު ނިންމާލާފައި ވަނީ ދިފާއީ ވަކީލަށާއި ދައުލަތަށް ވެސް ދެން އޮންނަ އަޑުއެހުމެއްގައި އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށް އިއުލާނު ކުރުމަށްފަހު އެވެ.
އެ މައްސަލަ ބައްލަވަނީ ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އިސް ފަނޑިޔާރު އަހުމަދު ޝަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.
ނަޒާހާގެ ފަރާތުން ހުށަހެޅި ހެކިތައް ސާބިތުކުރުމުގެ ފުރުސަތު ދަށު ކޯޓުން ދީފައެއް ނުވޭ: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ