ގައުމީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅު ކަމާ މެދު ސުވާލު އުފެދޭ: މައުމޫން

ދިވެހި ގައުމީ ޕާޓީއާ އެކު ޑީއާރުޕީން ކޯލިޝަން ހެދުމަށް މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯ ސުވާލު އުފެދޭ ކަމަށާއި ސިޔާސީ ގޮތުން "ދަނޑިވަޅަށް" ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
"މިކަހަލަ ކަންތައް ނިންމާއިރު ސިޔާސީ ގޮތުން ރަނގަޅު ދަނޑިވަޅުތޯ ވަރަށް ބޮޑަށް ބަލަން ޖެހޭ. ދެ ޕާޓީއެއް ގުޅިގެން ލިބޭނެ ފައިދާ އަކީ ކޮބައިކަން ވަރަށް ރަނގަޅަށް ބަލަން ޖެހޭ. އެހެންވީމަ ސިޔާސީ ގޮތުން މި ދަނޑިވަޅު މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯ އަޅުގަނޑަށް ސުވާލު އުފެދޭ މިކަން ކުރަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އިންޓަވިއުގައި އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ އޮއްވައި އެ ޕާޓީއާ އެކު ޑީއާރުޕީން ކޯލިޝަން ހަދަން މިހާތަނަށް ނިންމާފައި ނުވާތީ އެވެ. މައުމޫން ފާހަގަކުރެއްވި ގޮތުގައި ޖުމްހޫރީ ޕާޓީ އަކީ ގައުމީ ޕާޓީ އަށް ވުރެ ވެސް މެމްބަރުން ގިނަ އަދި ޑީއާރުޕީ އަށް ވެސް މުހިންމު ޕާޓީއެކެވެ.
"އެއްބަޔަކާ އެކު ކޯލިޝަން ހެދީމަ ހާއްސަކޮށް ޖުމްހޫރީ ޕާޓީ ދޫކޮށްލާފައި އެހެން ބަޔަކާ އެކު ޑީއާރުޕީން ކޯލިޝަން ހެދީ ކީއްވެތޯ؟ ޔަގީނުން ވެސް ޖުމްހޫރީ ޕާޓީން މާ ބޮޑަށް އެކި ކަންކަމުގައި މަސައްކަތް ކޮށްދެއްވާ،" އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އައްޑޫ ސިޓީ މައްސަލާގައި އިސްކޮށް އުޅުއްވީ ގައުމީ ޕާޓީގެ އިސް ވެރިން ކަމަށް ވެފައި އައްޑޫ ރައްޔިތުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ގައުމީ ޕާޓީއާ އެކު ކޯލިޝަން ހެދުމުން އިތުރަށް އައްޑޫ ރައްޔިތުން ޑީއާރުޕީ ދެކެ ހިތްހަމަނުޖެހިދާނެތީ އެއީ ވެސް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"އައްޑޫ ރައްޔިތުންގެ ނުރުހުން ޑީއާރުޕީ އަށް އަންނާނެތޯ؟ އެހެން މި ދެންނެވީ ގައުމީ ޕާޓީ ދެކެ ނުލާހިކު ހިތްހަމަނުޖެހިފައި އައްޑޫގެ ގިނަ ބަޔަކު ތިބީ. މި ސަބަބުތަކާ އެކީގައި އަޅުގަނޑަށް ސުވާލު ކުރެވެނީ މިއީ އެންމެ ރަނގަޅު ދަނޑިވަޅު ބާވައޭ މިކަން ކުރަން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އުސޫލެއްގެ ގޮތުން އެއްވެސް ބަޔަކާ އެކު ކޯލިޝަން ހެދުމަށް ތާއީދުކުރެއްވި ނަމަވެސް ސިޔާސީ ގޮތުން ސުވާލު އުފައްދަވާ ކަމަށެވެ.
"އެއްވެސް ބަޔަކާ އެކު ކޯލިޝަން ހެދުމުން އޭގެ ސަބަބުން ފައިދާއެއް ވަންޏާ އަޅުގަނޑު އެކަމަށް ތާއީދު ކުރަން. އެކަމަކު ސިޔާސީ ގޮތުން ވާނެ ގޮތްތަކަށް ބަލަން ވާނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން އެހެން ވިދާޅުވި ނަމަވެސް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ ކޯލިޝަންގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ. ދެ ޕާޓީން ނިންމާފައި ވަނީ ކުރިއަށް އޮތް ތިން އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށެވެ. އަދި ތަސްމީނަށް ތާއީދު ކުރުމަށް ގައުމީ ޕާޓީން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ