ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވާ ނަމަ، ރައީސް ކަމާއި ނައިބު ރައީސްކަން ކުރެވޭ ގޮތަށް އާ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ޑްރާފްޓް ކޮމެޓީން އިސްލާހު ހުށަހަޅައިފި އެވެ.
ޑްރާފްޓް ކޮމިޓީގެ މުގައްރިރު، މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް ބުރާސްފަތި ދުވަހު ވިދާޅުވީ، ވިޔަފާރިވެރިންނަށް ރައީސް ކަމާއި ނައިބު ރައީސްކަން ނުކުރެވޭ ގޮތަށް ކުރިން އޮތް ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ 13 ވަނަ މާއްދާ އަށް ހުށަހެޅި އިސްލާހުގައި ވަނީ ރައީސާއި ނާއިބު ރައީސް "ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެގެން ނުވާނެ" ކަމަށެވެ. އެ ބަދަލު ގެނައި ނަމަވެސް ރައީސްކަމާއި ނާއިބު ރައީސް ކަމުގެ ގޮނޑީގައި އިށީންދެވަޑައިގަންނަވާ ހިނދުން ފެށިގެން އެ މީހެއްގެ ވިޔަފާރި ހިންގަންވާނީ ޓްރަސްޓެއް އުފައްދައި އޭގެ ދަށުން ކަމަށް ވެސް އިބުރާ ވިދާޅުވި އެވެ.
ހަވީރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބާބު 13 ވަނަ މާއްދާގެ ހ. އަށް ގެނައި އިސްލާހާ އެކު އެ މާއްދާ މިހާރު އޮންނާނީ ރައީސަކަށް ހުންނަ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ނުވަތަ ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެނޫން ވެސް މަގާމެއް ފުރައިގެން ނުވާނެ އެވެ. ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ވެސް ނުވާނެ އެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަ މީހެއްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެނެއް ނުވާނެ އެވެ.
ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު މިދިޔަ މަހު ވިދާޅުވެފައިވަނީ ރައީސްގެ ބާބުގެ 13 ވަނަ މާއްދާ އާއި ވަޒީރުންގެ މަޖިލީހުގެ އަށް ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ވިޔަފާރިވެރިޔަކު ނުވަތަ ވިޔަފާރީގެ މަސްލަހަތު އޮތް މީހަކަށް ވެސް ރައީސްކަމަށް ނުވަތަ ނާއިބު ރައީސް ކަމަށް ނުވަތަ މިނިސްޓަރަކަށް ވެވަޑައިގެންނެވޭނީ އެ މީހެއްގެ ވިޔަފާރި ދޫކޮށްލުމަށް ފަހު ކަމަށެވެ.
އާ ގާނޫނު އަސާސީގެ ދަށުން ވިޔަފާރިވެރިޔަކަށް ނުވަތަ ވިޔަފާރިއެއްގައި މަސްލަހަތެއް އޮތް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ކަމާއި ނާއިބު ރައީސްކަން އަދި މިނިސްޓަރު ކަމެއް ނުކުރެއްވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔުނީ ގައުމުގެ ސިޔާސަތުތައް އެފަދަ ބޭފުޅުންގެ ވިޔަފާރިތަކަށް ފަހިވާ ގޮތަށް ހިނގައިދާނެތީ ކަމަށް ޑްރާފްޓް ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު އިބުރާ ކުރިން ވިދާޅުވެފައިވެ އެވެ.
ކުށްފިލުވައި ނިންމުމަށް ފަހު އާ ގާނޫނު އަސާސީ ފާސްކުރުމަށްޓަކައި ބުރާސްފަތި ދުވަހު ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
ގާނޫނު އަސާސީ އަށް ބޮޑު އިސްލާހެއް: ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރި ނުވާ މީހުންނަށް ރައީސްކަން ކުރެވޭ ގޮތަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ