ޗައިނާ ކުންފުންޏަކުން ހުޅުމާލޭގައި އަޅާ ފްލެޓްތަކަށް ފައިސާ ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހޯދަން މަގުފަހިކޮށްދޭ އެއްބަސްވުމެއްގައި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ އެކު މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮމާސް މިނިސްޓަރު ޗެން ޑެމިން އެވެ. މީގެ އިތުރުން ވެސް ދެ ގައުމުގެ ދެމެދުގައި ތިމާވެއްޓާއި އިގްތިސޯދީ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫއެއްގައި ސޮއިކުރި އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ފޯ ފިނޭންސް އަހުމަދު އަސްއަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮމާސް މިނިސްޓަރެވެ.
ނޫސްވެރިންނަށް ދޮރު ބަންދުކޮށްގެން ބޭއްވި ދެ ގައުމު މިނިސްޓަރުންގެ މަޝްވަރާ ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ވިދާޅުވީ ޗައިނާގެ ސީމެކް ކުންފުނިން ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓް އެޅުމާ ބެހޭ ގޮތުން ސޮއިކުރި ފްރޭމްވޯކް އެގްރިމަންޓްގެ ދަށުން 481 މިލިއަން ޔުއާންގެ ލޯނު (ގާތްގަނޑަކަށް 865 މިލިއަން ރުފިޔާ) ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
"[މިއަދު ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ] ކުރިޔަށް އޮތްތާނގަ އެފަދަ އެހެން ވަސީލަތްތައް ފަހިކޮށްދޭނެ އެއްބަސްވުމެއް،" ރާޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ރާއްޖެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އުނިވި ނަމަވެސް ޗައިނާއިން ދޭ އެހީތެރިކަމުގެ އަސާސީ އުސޫލްތައް ތަފާތުވެގެން ނުދާނެ ކަމަށް ކޮމާސް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ވެސް ސީމެކް ކުންފުންޏާއެކު އެއްބަސްވުމަކާ ހަމަޔަށް ދެވިފައިވާ ކަމަށެވެ.
"އިރާދަކުރެއްވި މި 1،000ގެ އެޅުމުގެ މިއަދު ސޮއިުކުރެވުނު އެގްރިމަންޓާ އެކީގައި މި މަސް ނިމޭތަނުގައި އަޅުގަނޑުމެން އުއްމީދުކޮށް މިތިބީ އެގްޒިމް ބޭންކާއެކު ލޯނު އެގްރިމަންޓްގައި ސޮއިކުރުމަށް. އެ ހިސާބުން ފެށިގެން 1،000ގެ އެޅުމަށް ބޭނުންވާ ފައިސާގެ ކަންތައް ހަމަޖެހިގެން އެދިޔައީ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ހުޅުމާލޭގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ