ގާމާދޫ ޖަލު ސަރަހައްދުން ފެނުނު މިނިކަށިތަކުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ފަށައިފި

ކ. ހިންމަފުށީ އައްސޭރި ޖަލު ސަރަހައްދުން ފެނުނު މިނި ކަށިތަކުގެ ހަގީގަތް ފޮރެންސިކް ސައިންސުގެ އެހީގައި ހޯދައި ތަހުގީގު ކުރުމުގެ މަސައްކަތް ނޫސްވެރިންގެ ހާޒިރުގައި ފުލުހުން މިއަދު ފަށައިފި އެވެ.
ކުރިން ގާމާދޫ ޖަލު ހިންގި ސަރަހައްދާ ކައިރިން ހޮނިހިރު ދުވަހު ފެނުނު ކަށިތައް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް (ޑީޕީއާރުއެސް) ގެ އެންގުމަކަށް އެ ރަށު އޮފީހުން ވަނީ ގަބުރުސްތާނުގައި ވަޅުލާފަ އެވެ. އެހެން ނަމަވެސް ފުލުހުން މިއަދު ވަނީ ތަހުގީގު ކުރުމަށް ކޮނެގެން އެ ކަށިތައް އަލުން ނަގައިފަ އެވެ. ހިންމަފުށީ ޕޮލިސް ސްޓޭޝަނުގައި ނޫސްވެރިންނަށް ދައްކާލި ކަށިތަކުގެ ތެރޭގައި އިންސާނެއްފެ ބޮލުގެ ނާށިގަނޑުގެ ބައިތަކަކާއި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުގެ ކަށިތަކެއްގެ އިތުރުން ދަތްތަކެއް ވެސް ހިމެނެ އެވެ. އެ ކަށިތަކުން އިންސާނެއްގެ ކަށިގަނޑު ފުރިހަމައެއް ނުވެ އެވެ. ކަށިތައް ހުރީ ކޮންމެވެސް ވަރަކަށް ފީވެފަ އެވެ.
ހިންމަފުށީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޮރެންސިކްސް ޓީމާއި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓުން މި ކަން ތަހުގީގު ކުރަން ފަށާފައި ވަނީ ރައީސް އޮފީހުން އަންގައިގެން ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މި ކަށިތައް ފެނިފައި ވަނީ އެންމެ އާދައިގެ ސެކިއުރިޓީގައި ގައިދީން ގެންގުޅޭ އައްސޭރި ޖަލުގެ ގައިދީއަކު ގަސް އިންދަން ކޮންނަނިކޮށެވެ. ކަށިތައް ފެނުނު ކަމަށް ރިޕޯޓް ކޮށްފައި ވަނީ ޖަލުގެ ފާރު ބުޑުގައި ގަސް އިންދުމަށް ހާއްސަކޮށް، ވަށައިގެން ގާފޮޅު ރާނާފައި ހުރި ތަނަކުންނެވެ. އެ ތަން އިތުރަށް ކޮނުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ އިރު މިރޭ އިތުރު މިނިކަށިތަކެއް ވެސް ފެނިފައިވެ އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާމާދޫ ޖަލު ހުރި ސަރަހައްދުން މިނިކަށިތަކެއް ފެނުނު މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް އެންގީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ސަރުކާރުން ދެކޭތީ އާއި މީގެ ކުރިން ޖަލުގައި އެކި މީހުންނަށް އަނިޔާކޮށް، އަދި ބައެއް މީހުން މަރުވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ