ބާރަށު ސިއްހީ މަރުކަޒުގެ ތިޖޫރި ފަޅާލައި ފައިސާ ގެންގޮސްފި

ހއ. ބާރަށު ސިއްހީ މަރުކަޒުގެ ތިޖޫރި ރޭ ދަންވަރު ފަޅާލައި އޭގައި ހުރި ފައިސާ ވަގަށް ގެންގޮސްފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މޫސާ ނިޔާޒު ވިދާޅުވީ ތިޖޫރީ ފަޅާލުމަށް ސިއްހީ މަރުކަޒަށް ވަގުން ވަދެފައި ވަނީ އެތަނުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. އަދި ތިޖޫރިން ފައިސާ ނަގާފައި ވަނީ އޭގެ ދޮރު އެއްޗަކުން މަތާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިޖޫރީގައި ހުރި ފައިސާގެ އަދަދެއް އަދި ނޭނގެ. ފުލުހުން އެކަން ބެލުމުގައި އެބަ ހަރަކާތްތެރިވޭ،" ނިޔާޒް ވިދާޅުވި އެވެ.
ބާރަށު ސިއްހީ މަރުކަޒު ހިންގާ އަޕަ ނޯޠު ހެލްތު ސާވިސަސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި ތިޖޫރި ފެނުނީ ސިއްހީ މަރުކަޒުގެ ގޯތިތެރެ އަށް އެއްލާލާފައި އޮއްވަ އެވެ. އެ ތިޖޫރީގައި ހުންނާނީ ސިއްހީ މަރުކަޒުން އަގު ނަގާ ޚިދުމަތްތަކުން ލިބޭ ފައިސާ ކަމަށާއި ވައްކަން ކުރިއިރު އޭގައި ހުރި ފައިސާގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުސް އޮފީހުން ބުނީ ބާރަށު ސިއްހީ މަރުކަޒުން ވައްކަން ކުރި މައްސަލަ ބެލުމަށް ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ވައްކަމުގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފަހަކަށް އައިސް ރަށްރަށުގެ ކައުންސިލްތަކާއި ސިއްހީ މަރުކަޒުތަކުގެ ތިޖޫރީ ފަޅާލުމުގެ ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބުރުނީ ސްކޫލުން ފައިސާ ވަގަށް ގެންގޮސްފައިވާއިރު ނ. މަގޫދު އާއި އއ. މާޅޮހުގެ އިތުރުން ދ. ބަނޑިދޫ ކައުންސިލްގެ ތިޖޫރީ ވެސް ފަޅާލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ