އިސްލާމް ދީން ހިމާޔަތް ކުރުމަށް ގޮވާލައި މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާއަށް ފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމާ މެދު ސަރުކާރުން ވަކި ގޮތަކަށް އަމަލު ކުރަމުންދާ ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެން ހުޅުލޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ގާސިމާ މެދު ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދަނީ "ޒާތީކޮށް" ކަމަށެވެ. އެގޮތުން ގާސިމްގެ ރިސޯޓުތަކުގެ ސްޕާތަކުގައި ހަށިވިއްކާ ކަމަށް ތުހުމަތުކޮށް އެތަންތަން ބަންދުކުރުމަށް ސަރުކާރުން އެންގުމަކީ، ސަރުކާރުން އޭނާއާ މެދު ވަކި ގޮތަކަށް އަމަލު ކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން އެފަދަ ފިޔަވަޅެއް އަޅާނަމަ، އަޅަން ޖެހޭނީ އެކަން ވަރަށް ރަނގަޅަށް ބެލުމަށް ފަހު އެހެން މީހުންނާ އެއް އުސޫލަކުން ކަމުގައި މައުމޫން ވިދާޅުވި އެވެ.
ގާސިމަކީ ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން އަންނަ ބޭފުޅެއް ކަން ފާހަގަ ކުރައްވަމުން މައުމޫން ވިދާޅުވީ އޭނާއަށް ވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވިދާޅުވާން ބޭނުންވާ އެއްޗެއް ވިދާޅުވުމުގެ ހައްގު އޮންނާނެ ކަމަށާއި އޭނާއަށް ފެނިވަޑައިގަންނަވާ ސިޔާސީ ފިކުރެއް ވެސް ފާޅުކުރެއްވޭނެ ކަމަށެވެ.
ބޮޑު މުޒާހަރާގެ އެއް ޑިމާންޑް ކަމުގައިވާ ހަށިވިއްކާ ތަންތަން ބަންދުކުރުމުގެ ނަމުގައި ބައެއް ވިޔަފާރިތަކާއި ރިސޯޓުތަކުގެ ސްޕާތައް ބަންދުކުރުމާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ އެކަން ކުރަން ޖެހޭނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖެހިފައިވާ އުސޫލަކުން ކަމަށެވެ. އަދި ގަވައިދާ ހިލާފަށް އެއްވެސް ވިޔަފާރިއަކާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"ސްޕާތަކުގައި ހިނގަނީ އެކަހަލަ ކަންތައްތައް ]ހަށިވިއްކުން[ ކަމެއް ނޭނގޭ. އެހެން ބުނާ ބުނުމަކަށް އެއްޗެއް ދަންނަވާކަށް ނޭނގޭ. އެކަމަކު އިސްލާމްދީނާ ދެކޮޅު އެއްވެސް ކަމެއް އެއްވެސް ތަނެއްގައި ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޓޫރިސްޓުންގެ އެއްވެސް ވަސީލަތެއް ނުވަތަ ހިދުމަތެއް ބަންދުވެއްޖެ ނަމަ އޭގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ގަވައިދާ ހިލާފަށް ކަމެއް ހިނގައިގެން ސަރުކާރުން ފިޔަވަޅު އަޅާނަމަ، ޒާތީ ނުވެ ހުރިހާ ރިސޯޓުތަކަށް އެއް އުސޫލަކުން ފިޔަވަޅު އެޅުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
މައުމޫން މާލެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުން ރަސްމީ ފާލަން ކައިރިއަށް ޖަމާވި އެވެ. މައުމޫން މާލެ މި ވަޑައިގަތީ ގާތްގަނޑަކަށް ދެ މަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އެވެ.
ގާސިމާ ދޭތެރޭ ވަކި ގޮތަކަށް ކަންތައް ކޮށްގެން ނުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ