މިހާރު މެލޭޝިއާގައި ހުންނެވި ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް މާލެ ވަޑައިގެންނެވުމުގެ ކުރިން ޑީއާރުޕީން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފަށަން ހަމަޖައްސައިފި އެވެ.
ޑީއާރުޕީން ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތާ ބެހޭ ގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ޖަލްސާ އޮންނާނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ހދ. ހަނިމާދޫގައި ކަމަށާއި މައުމޫނު މާލެ ވަޑައިގަންނަވާނެ ދުވަހެއް އަދި ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމެއް ޕާޓީ އަށް އެނގިފައި ނެތް ކަމަށެވެ.
"[ނަމަވެސް] އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އޮންނާނެ. މައުމޫނު ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަކީ ލިބޭނެ ކާމިޔާބެއް،" ނާޒިފު ވިދާޅުވި އެވެ.
މައުމޫނު މާލެ ވަޑައިގަންނަވާނެ ކަން ޑީއާރުޕީ އަށް އެނގިފައި ނެތަސް، ޑިސެމްބަރު 31 ގައި މައުމޫނު މާލެ ވަޑައިގަންނަވާނެ ކަމަށާއި ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުން ފެށުމުގެ ޖަލްސާ ޖެނުއަރީ 5 ގައި މާލޭގައި އޮންނާނެ ކަމަށް ޑީއާރުޕީން ވަކިކުރުމަށް އެ ޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމި އުމަރު ނަސީރުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވި އެވެ. އުމަރުގެ ފެކްޝަނުން ކުރިން ބުނެފައި ވަނީ ކެމްޕޭނުގައި މައުމޫން ރަސްމީކޮށް ބައިވެރިވެވަޑައިގަތުން ފެށުމުގެ ޖަލްސާ އޮންނާނީ ޖެނުއަރީ 7 ގައި ކަމަށެވެ.
ކައުންސިލް އިންތިހާބު ކުރިއަށް ގެންދަވާނެ ގޮތަކާ ބެހޭ ގޮތުން މައުމޫނާ މަޝްވަރާކުރެއްވިންތޯ އެހުމުން ނާޒިފު ވިދާޅުވީ "ޕާޓީގެ އެހެން ބޭފުޅަކު [މައުމޫނާ] މަޝްވަރާނުކުރައްވާ ކަމެއް ނޭނގޭ" ކަމަށެވެ.
ނާފިޒު ވިދާޅުވީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ހަނިމާދޫގައި ބޭއްވުމަށް ހަމަޖެއްސީ ކެމްޕޭނުގެ ދަތުރުތަކުގައި އުތުރުގެ ރަށްތަކަށް އަދި ނުދެވޭތީ އާއި އެ ސަރަހައްދަކީ ޑީއާރުޕީގެ ތާއީދު ބޮޑު ހިސާބަކަށް ވުމުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޕާޓީގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިފު ވިދާޅުވީ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކާއި މައްސަލަތައް އޮތް ނަމަވެސް އެކަމުގެ އަސަރު ކެމްޕޭނަށް ނުކުރާނެ ކަމަށާއި ޑީއާރުޕީން ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
މައުމޫން މާލެ ވަޑައިގަތުމުގެ ކުރިން ޑީއާރުޕީން ކައުންސިލް އިންތިހާބުގެ ކެމްޕޭނު ރަސްމީކޮށް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ