ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު އަމީތާބަށް ދީފި

އިންޑިއާގައި ފިލްމީ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ދާދާސާހެބް ފާލްކޭ އެވޯޑު އަމީތާބު ބައްޗަންއަށް ދީފި އެވެ. އިންޑިއާގެ ރައީސްގެ ގެކޮޅުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި އަމީތާބަށް އެ އެވޯޑު ދެއްވީ ރައީސް ރާމް ނާތު ކޯވިންދު އެވެ. އަދި އެ ހަފްލާގައި އަމީތާބުގެ އަންހެނުން ޖާޔާ އާއި ދަރިފުޅު އަބީޝެކް ބައިވެރިވި އެވެ. އެ އެވޯޑާ ހަވާލުވުމަށް ފަހު 77 އަހަރުގެ ބައްޗަން ވަނީ އެފަދަ ޝަރަފެއް ލިބުމުން، ދެން މަސައްކަތް ނިންމާލުމަށް ފަހު ގޭގައި މަޑުކޮށްލުމާ މެދު ވިސްނަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާރު ވެސް ބައެއް މަސައްކަތްތައް ކުރަމުންދާ ކަމަށާއި އަދިވެސް އިތުރު ފުރުސަތުތައް ލިބުން އެކަޝީގެންވާކަން ފާހަގަކޮށްފަ އެވެ. އަމީތާބަށް އެވޯޑު ދިން ހަފްލާގައި ޖާޔާ ބައްޗަން އާއި އަބީޝެކް އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޕްރަކާޝް ޖަވަދެކަރުއާ އެކު -- ފޮޓޯ: ޕީޓީއައި އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑުސްގައި ހަތަރު ފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހާސިލުކޮށްފައިވާ އަމީތާބަށް ވަނީ އެގައުމުގައި ރައްޔިތުންނަށް ދޭ ދެވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ވިބޫޝަން އެވޯޑުވެސް 2015 ވަނަ އަހަރު ދީފަ އެވެ. އުމުރުން 27 އަހަރުގައި ފިލްމީ ދާއިރާއަށް ނުކުތް އަމީތާބުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޝޯލޭ، ބްލެކް، ދީވާރު، ޑޮން އަދި އަގްނީޕަތު ހިމެނެ އެވެ. އަދި 2013 ވަނަ އަހަރު ހޮލީވުޑުގެ ފިލްމު ދަ ގްރޭޓް ގެޓްސްބީއިންވެސް އޭނާ ފެނިގެންދިޔަ އެވެ. މީގެ އިތުރުން އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ ފިލްމުތައް ކަމަށްވާ ގުލާބޯ ސިތާބޯ އާއި ޗެހެރޭއިންވެސް އަމީތާބު ފެނިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ