"ކިޑްސް ފުޓްބޯޅަ ފިއެސްޓާ"ގެ ތަށި ގާޒީ ސުކޫލުން އުފުލާފައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުމުގެ ގޮތުން އެ މިނިސްޓްރީން ހިންގި ހަރަކާތްތަކުގެ ތެރެއިން މާލޭގެ ސުކޫލްތަކަށް ހާއްސަކޮށްގެން ބޭއްވި "ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ގެ ތަށި ގާޒީ ސުކޫލުން އުފުލާފައިފިއެވެ.
ބުދަދުވަހު ހެނދުނު 6:15 އިންފެށިގެން ހެންވޭރު ދަނޑުގައި ކުރިޔަށް ދިޔަ ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތަށި ގާޒީ ސުކޫލުން އުފުލާލީ 2-0 ން މަޖީދިއްޔާ ސުކޫލު ބަލިކޮށެވެ.
މާލޭގެ ސުކޫލުތަކުން 17 ޓީމެއް ވާދަކުރި "ކިޑްސް ފުޓްބޯލް ފިއެސްޓާ" ކުރިޔަށް ދިއަކީ ނޮކުއައުޓް ސިސްޓަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކުޅެފައިވަނިީ ރައުންޑު އޮފް ސެވަންޓީންއެވެ.
ހެނދުނު 10:30 ހާ ހަމައަށް ކުރިޔަށްދިޔަ މި ރައުންޑުގައި ޖުމްލަ 9 މެޗެއް ކުޅެފައެވެ.
މި ފިއެސްޓާ ގެ ފައިނަލް މެޗު ފަށާފައިވަނި ހަވީރު 16:30 ގައި މި މެޗް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙްއެވެ.
ހުރިހާ މެޗުތަކަކުން މޮޅު ކުޅުންތެރިންނަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ހަވާލު ކުރީ ފިއެސްޓާގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވި ރެއާލްމެޑްރިޑްގެ ލެޖެންޑް މިޝެއިލް ސަލްގާޑޯއެވެ.
އަދި މި ފިއެސްޓާއަށް ފަހު އަންނަ އަހަރު ދުބާއީގައި އޮންނަ ކޮންޓިނެންޓަލް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމެއް ބައިވެރިކުރަން ނިންމާފައިވާއިރު އެ މުބާރާތުގައި ރާއްޖޭއިން ބައިވެރިވުމަށް ރަސްމީ ދައުވަތު ވަނީ ހަވާލު ކޮށްފައެވެ.
މި ދައުވަތު ހަވާލު ކުރީ ސަލްގާޑޯ، ރާއްޖޭގެ ފަރާތުން ދައުވަތާއި ހަވާލުވީ ޓޫރިޒަމް މިނިސްޓަރާއި ކުޅިވަރާއިބޭހޭ ވަޒީރު އަހްމަދު މަޙްލޫފްއެވެ.
މި ފިއެސްޓާގައި ބައިވެރިވާ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ޝަރަފް ކަމަށްވާ މިޝެލް ސަލްގާޑޯ އިންތިޒާމުކޮށްގެން ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީން ހެދުމުގެ ފުރުސަތު އެއްކުއްޖަކަށް އަދި ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ދެ ކުއްޖަކަށް ވަނީ ލިބިފައެވެ.
ސަލްގާޑޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު 11 އަހަރުން ދަށުގެ ކުޅުންތެރިއެއް ކަމަށްވާ އީތަން އިބްރާހިމް ޒަކީ އަށް ލިބުނު އިރު ސެލްޓަ ވިގޯގެ އެކަޑަމީގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބުނީ މުހައްމަދު އައިހަމް އިބްރާހީމް އާއި ހުސައިން އާއިޝް އަބްދުލް ވާހިދު އެވެ.
މި ފުރުސަތުގެ ދަށުން އީތަންއަށް މިޝެލް ސަލްގާޑޯ ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި އެއްމަސް ދުވަހު ތަމްރީތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާއަށް ސެލްޓަ ވިގޯ ގެ ޖާޒީއެއްވަނީ ހަދިޔާ ކޮށްފައެވެ. ސެލްޓަ ވިގޯ އަކީ ސަލްގާޑޯގެ ފުޓްބޯޅަ ކެރިއަރު ފެށި ޓީމްއެވެ.
"ކިޑްސް ފުޓްބޯޅަ ފިއެސްޓާ" އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ފުޓްބޯޅަ ފިއެސްޓާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ