މޫސުން ގޯސްވެ، ފެރީ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވޭ: އެމްޓީސީސީ

މޫސުން ގޯސްވެ، ފެރީ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށްފައި ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އެހެންކަމުން އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފުކުރުމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން 4 - 8 ފޫޓު ހުންނާނެ ކަމަށެވެ.
ހުރިހާ އެންމެން ވެސް ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ