ހަތަރު މޭޔަރުންގެ ގޮނޑިވެސް ނަގާނީ އެމްޑީޕީން: ނަޝީދު

މިމަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ހަތަރު ސިޓީގެ މޭޔަރުކަމާއެކު 1،000 ގޮނޑި ކާމިޔާބުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް، އަދި މަޖިލީހުގެ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އއ. ރަސްދޫ ފަޅުތެރޭގައި ބާއްވާ "ރަށްވެހިފަތިސް އަލިވިލުން" ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުގެ ކުރިން ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެން އެބަ ކުރިމަތިލަން ފަނަރަ ސަތޭކައެއްހާ ގޮނޑިއަށް، އަޅުގަނޑަށް ޔަގީން އޭގެ ތެރެއިން ހާހެއްހާ ގޮނޑި އަޅުގަނޑުމެން ނަގާނެ" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ވާދަކުރާ ގޮނޑިތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ގޮނޑިތައް އެބަހުރި ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާއި، ހދ.ކުޅުދުއްފުއްޓާއި، ފުވައްމުލަކާއި، މާލެ ސިޓީގެ މޭޔަރުގެ ގޮނޑިވެސް އެމްޑީޕީން ނަގާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އިންތިޚާބުތައް ކާމިޔާބު ކުރުމަށް ފަރިތަ ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީ އަކީ އަބަދުވެސް ރައްޔިތުންގެ ޝަކުވާތައް އަޑު އަހާ ޕާޓީއެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ