އެމްޑަބްލިއުއެސްސީ ރީސައިކަލްސް މުބާރާތުގެ އެއްވަނަ ހުޅުދެލި ސްކޫލް ހޯދައިފި

އެމްޑަބްލިވްއެސްސީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ 'އެމްޑަބްލިޔުއެސްސީ ރީސައިކަލްސް' މުބާރާތުގެ އެއްވަނަ ސްކޫލަކަށް ހުޅުދެލި ސްކޫލު ހޮވިއްޖެއެވެ.
މި މުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތައް ލިބޭ ގޮތަށް މިދިޔަ އަހަރުން ފެށިގެން އެމްޑަބްލިޔުއެސްސީ އިން ކުރިއަށް ގެންދާ މި މުބާރާތުގެ މިއަހަރުގެ މުބާރާތުގެ ނަތީޖާ ރޭ ފާޅުކޮށް ސްކޫލްތަކުގެ ދަރިވަރުން ތައްޔާރު ކުރި ތަކެތި ދެއްކުމަށް މިއަދުން ފެށިގެން އޮގަސްޓް 6 ގެ ނިޔަލަށް ނޭޝަނަލް އާޓް ގެލަރީގައި އެގްޒިބިޝަންއެއް ކުރިއަށްގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފައެވެ.
އެގޮތުން އޮގަސްޓް 4, 5 އަދި 6 ވާ ހޮނިހިރު, އާދީއްތަ, އަދި ހޯމަ މިތިން ތިން ދުވަހުގެ ވެސް ހެނދުނުން 10:00 އިން 17:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް މައުރަޒު ހުޅުވިފައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
"ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑަބްލިއުއެސްސީން ކުރިއަށްގެންދާ މި މުބާރާތުގެ އެއްވަަނަ ސްކޫލަކަށް ހުޅުދެލި ސްކޫލް ހޮވުނުއިރު، ދެވަނަ އަށް ހޮވިފައިވަނީ ޣާޒީ ސްކޫލެވެ. ތިން ސްކޫލަކަށް ހޮވިފައި ވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. މި ސްކޫލްތަކާއި އިނާމްތައް ހަވާލުކޮށްދެއްވީ އެންވެރޮމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން އެމްޑަބްލިވްއެސްސީން ކުރިއަށްގެންދިޔަ މި މުބާރާތުގެ ކެޓަގަރީ "އޭ" ގައި ހިމެނެނީ (13 އަހަރުން ދަށް، 17 އަހަރުން ދަށް، 18 އަހަރުން މަތި އަދި ސްކޫލު) އެވެ. އަދި ކެޓެގަރީ "ބީ" (ނުކުޅެދުންތެރިން ހުންނަ ފަރާތްތައް) އަށް ބަހާލައިގެންނެވެ.
ކޮންމެ ކެޓެގަރީއަކުން އެއްވަނަ އަށް ދާ ފަރާތަކަށް 20،000 ރުފިޔާ، ދެވަނަ އަށް 15،000 ރުފިޔާ އަދި ތިން ވަނަ އަށް 10،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އަދި ސްކޫލުތަކުގެ ކެޓެގަރީ އިން އެއްވަނަ އަށް 40،000 ރުފިޔާ، ދެވަނަ އަށް 30،000 ރުފިޔާ އަދި ތިންވަނަ އަށް 20،000 ރުފިޔާ ވަނީ ހުށަހަޅާފައިވެއެވެ.
މި މައުރަޒުގައި ބައިވެރިކޮށްފައިވަނީ ޕްލާސްޓިކް ފުޅި، ޕައިޕު، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕާ އަދި ކޮތަޅު، ޝްރިންކް ފިލްމް އަދި ޕޮލިމާ އިން އުފައްދާފައިވާ އުފެއްދުންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ