ގާނޫނުއަސާސީއާ ގުޅޭގޮތުން ގާސިމް އިބްރާހިމް ސީރިއަސް ސުވާލުތަކެއް އުފައްދަވައިފި

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަންފެށިތާ 10 އަހަރު ފުރުމާ ދިމާކޮށް، އެ ގާނޫނުއަސާސީ ހެދުމުގައި އެންމެ އިސް އަދި އެންމެ މުހިންމު ދައުރު އަދާކުރެއްވި ގާސިމް އިބްރާހިމް ވަރަށް ސީރިއަސް ވަރަށް ވަރަށް ގިނަގުނަ ސުވާލުތަކެއް އުފައްދަވައިފިއެވެ.
ގާސިމް އިބްރާހިމް މިސުވާލުތައް އުފެއްދެވީ އެމަނިކުފާނު ނެރުއްވި ނޫސްބަޔާނެއްގައެވެ.
ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ގާސިމް އިބްރާހިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހު ތަސްދީގު ކުރެވުނު ގާނޫނުއަސާސީއަކީ އިސްލާމީ އަސްލުތަކުގެ މައްޗަށް ރައްޔިތުންގެ އެންމެހައި އަސާސީ ހައްގުތައް ކަށަވަރު ކުރުވި ޑިމޮކްރަޓިކް ގާނޫނުއަސާސީއެއް ކަމަށެވެ.
އަސާސީ ހައްގުތަކާ މިނިވަންކަމުގެ މައްޗަށް ބާބެއް އެކުލަވާލެވި، ވަރަށް ތަފްސީލުކޮށް އެ އަސާސީގައިވަނީ ރައްޔިތުންނާއި، ދައުލަތާއި، ދައުލަތުގެ އެންމެހައި ބާރުތަކާއި، އިސްލާމްދީނާއި ގައުމިއްޔަތު ރައްކާތެރި ކޮށްދީފައވާ ކަމަށާއި، އެއީ ޒަމާނަށް ފެތޭގޮތަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުން އެއްކުރި ޚާއްސަ މަޖިލީހުގެ މެމްބަރުން ކުރެއްވި ވަރަށް މަތިވެރި ހަމަ އެހާމެ ބުރަ މަސައްކަތެއް ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ.
"އެމަސައްކަތަށް މިއަދު 10 އަހަރު ފުރިގެންދާއިރު، އެ ގާނޫނުއަސާސީގައިވާ ގޮތަށް އެ އަސާސީގެ ހުކޫމަތު ފުރިހަމައަށް ދެމެހެއްޓެމުންދޭބާ. ރައްޔިތުންގެ އެންމެ އަސާސީ ހައްގުތައްވެސް ނިގުޅައިގެންފައި ނުވާކަމަށް ދެންނެވިދާނެތޯ. ރައްޔިތުންގެ މަޖިލިސްގެ ބާރު ގާނޫނުއަސާސީގައިވާ ގޮތަށް ހިނގަމުންދޭބާ. ޖުޑިޝަރީގެ މަސައްކަތްތައް ހިނގަމުންދަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ދުސްތޫރީ ހަމައިންކަމަށް ދެންނެވިދާނެތޯ. ގާނޫނުއަސާސީގެ ނަމުގައި މިއަދު ބައެއް މުހިންމު މުއައްސަސާތަކުން ފެނިގެންދަނީ ވަކިފަރާތަކުން އަންގާ ތަމްސީލެއް ކުޅޭތަން ނޫންތޯ. މަޖިލީހުގެ 16 މެމްބަރުން ގާނޫނާ ޚިލާފަށް ބަންދުކޮށް، މަޖިލީހުގެ ގާނޫނީ އަދަދަށް ބެލުމެއްނެތި ފަސްކުރާ ފާސްކުރުންތަކަކީ ބާތިލު ނިންމުންތަކަކަށް ނުވާނެތޯ. ޚަސްމުންގެ ހައްގުތައް ފުރިހަމައަށް ނުލިބި، ގާނޫނުއަސާސީއާއި ގާނޫނުތާއި އިޖުރާއަތްތައް ފުރިހަމަނުކުރެވި ފަނޑިޔާރުގެތަކުގައި ނިންމޭ ނިންމުންތަކަކީ އިންސާފު ލިބިގެން އެއް އުސޫލަކުން އެއް ހަމަޔަކުން ނިންމޭ ނިންމުންތަކެއްކަމަށް ރާއްޖޭގެ ރައްޔިތުންނާއި ދުނިޔޭގެ އެއްވެސް ބައެއް ދުވަހަކުވެސް ބަލައިގަންނާނެ ހެއްޔެވެ. ފާޅުކުރާ ޚިޔާލަކުން، ކޮށްލާ ޓްވީޓަކުން، ޖަހާލާ ފޮޓޯއަކުން، ބުނާ ބަހަކުން، ކުރާ އިޝާރާތަކުން ނުވަތަ ނޭވާލާގޮތަކުންވެސް މިއަދު ބައެއް ރައްޔިތުން ކުށްވެރިވަމުން ނުދޭތޯ" ގާސިމް އިބްރާހިމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިއީ ގާނޫނުއަސާސީގައި ބުނާ އިންސާފާއި، ރައްޔިތުންނަށް ދީފައިވާ މިނިވަންކަން ކަމަށް ދަންނަވަންވީތޯ، ގާސިމް ސުވާލު ކުރައްވާފައި ވެއެވެ. އަދި މީޑިއާގެ މިނިވަންކަން މިހާރުއޮތް މިންވަރާއި، އެކި ތުހުމަތުގަ ބަންދު ކުރެވިފައިވާ މީހުންނާއި، އެކި ހުކުމްތަކުގައި ބަންދުކުރެވިފައިވާ މީހުންނާމެދު އަމަލު ކުރެވެނީ އެއް އުސޫލަކުން އެއް ހަމަޔަކުން ކަމަށް ބެލިދާނެތޯވެސް ސުވާލު ކުރައްވާފައި ވެއެވެ. އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކަންކަން ކުރެވެމުންދަނީ ގާނޫނުއަސާސީގައިވާ އިންތަކާއި މިންތަކުގެ ތެރެއިން ހަމަހަމަކަމާ އެކުގައިތޯވެސް ސުވާލު ކުރައްވާފައި ވެއެވެ.
”ގާނޫނުއަސާސީއަކީ ޒަމާނަށް ފެތޭގޮތަށް ކުރެވިފައިވާ، އޭގެ ރޫހަށް އަމަލުކޮށްފިނަމަ ވަރަށްވެސް ފުރިހަމަ އަސާސީއެއް. އެފޮތުގެ ކޮންމެ އަކުރަކާ ފިއްޔެއް، ޚުދު ފޮޅުވަށްތަކުގެ ކައިރި ދުރުމިންވެސް އެވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފަ. ގޯސްވެގެން މިއުޅެނީ ގާނޫނުއަސާސީއެއް ނޫން. ގޯސްވެގެން މިއުޅެނީ އެއަށް އަމަލުކުރަން ދައުލަތުގެ މަގާމުތަކުގައި ހަވާލުވެތިބި މީހުންނޫން އެހެން ކޮންބައެއްތޯ. އެމީހުންގެ އަމަލުތަކާއި، އެމީހުންގެ ނިޔަތާއި، ނުބައި ރޭވުމާއި، އަސާދައާއި، އަނިޔާވެރިކަމާއި ބޭއިންސާފުނޫން ކަމަށް ނުދެންނެވޭނެތޯ؟" ގާސިމް އިބްރާހިމްގެ ބަޔާނުގައި ސުވާލު ކުރައްވާފައި ވެއެވެ.
"ޚުދު ރައީސުލް ޖުމްހޫރިއްޔާގެ މަގާމާއި ސަލާމަތީ ޚިދުމަތްތަކަކީވެސް ހަމަ ގާނޫނުއަސާސީން ބާރުތައް ކަނޑައެޅި ޒިންމާ މަތުކުރެވިފައިވާ ފަރާތެކެވެ. ސުވާލަކީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ އިޢްތިރާފުން ރައްޔިތުންނާއި މީޑިއާގެ ކުރިމަތީގައި، ތިމަން މަނިކުފާނުގެ އަމިއްލަގެ ގ. ދޫވެއްސަށް ފޮށިގަނޑުގަނޑުގައި ވެއްދި ފައިސާއަކީ ޝައްކެއްވެސް ނެތްގޮތުގައި ހަލާލު ފައިސާއެއް ނޫންކަމަށާއި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައީސުލްޖުމްހުރިއްޔާގެ އަމިއްލަ ބޭންކް އެކައުންޓަށް ޖަމާކުރިކަމަށް ދިވެހިރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކަށަވަރުކޮށްދީފައިވާ މައްސަލަތައްފަދަ ސާފު އެތައް މައްސަލަތަކެއްވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިންނާއި ކަމާބެހޭ އިދާރާތަކުން ބަލައި ނިމުނީތޯއެވެ. އެބާވަތުގެ ކަންތައްތައް ގާނޫނުއަސާސީން މަތިކޮށްފައިވާ ފަރާތްތައް ޒިންމާ އަދާކުރާ މިންވަރުބަލަން އުފެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރު ގާނޫނުއަސާސީގައިވާ ގޮތަށް އޮތްކަމަށް ދެންނެވިދާނެވާބައެވެ. މިދި އަދަށް ދާންދެންވެސް ދޫވެއްސަށް ވެއްދި ހަރާމް ފައިސާއާއި، ރައީސްގެ އަމިއްލަ ބޭންކް އެކައުންޓަށް ވެއްދި 1 މިލިއަން ޑޮލަރުގެ މައްސަލަވެސް ތަހްގީގް ކުރެވި، ޝަރީއަތް ކުރެވި އަދަބުދެވުން އޮތީ ކޮން އިރަކުންކަން އެނގޭ އެއްވެސް އިންސާނަކު އެބަހުރިތޯއެވެ. މުޅި ދައުލަތް ފެންނަނީ ކޮރަޕްޝަނާއި، ވައްކަމާއި، ފަސާދައާއި، އަނިޔާވެރިކަމާއި، ބޭއިންސާފު ނޫން ކޮންކަމެއްތޯއެވެ. ތަރައްގީގެ ނަމުގައި އެންމެ ހަސްފަތާލެއްގެ ސްޓްރަކްޗަރ އަޅާލި މަންޒަރު ފެނުނީ އޯޕަން އިންޓަރނޭޝަނަލް ޓެންޑަރެއްގައި ކުރިނަމަ ރާއްޖޭގެ 4 ސަރަހައްދުގައި އެފެންވަރުގެ 4 ހަސްފަތާލުގެ ސްޓްރަކްޗަރ އަޅާނެ އަގުގައިކަމަށް ނުދެންނެވޭނެތޯއެވެ. މިހާރު ސަރުކާރުން ހިންގަމުންދާ ކޮންމެ ޕްރޮޖެކްޓަކީ ކޮރަޕްޝަނުން ފުރިފައިވާ ކަންކަމޭ ދަންނަވާނެ ޖާގައެއް ނެތްތޯއެވެ" ގާސިމް ސުވާލު ކުރައްވާފައި ވެއެވެ.
މިހެން ކަންކަން ހުރުމުން، ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން މިއަދުވެސް އެންމެހާ ދިވެހި ރައްޔިތުން ހިތްވަރު ލިބިގަންނަން އެދިވަޑައިގަންނަވާ ކަމަށް ގާސިމް އިބްރާހިމް އެދިވަޑައިގެންފައި ވެއެވެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އަދި ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށާއި، މިއީ އަޅުގަނޑުމެން އެންމެން އަޅުގަނޑުމެންގެ ގައުމާއި ރައްޔިތުން އަދި ގައުމާއި ރައްޔިތުންގެ އެންމެމަތީ ހައްގުތައް ހިމާޔަތްކޮށް، ގާނޫނުއަސާސީ ދިފާއުކުރަންވީ ވަގުތު ކަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ. އަދި އެކަން ކުރެވޭނީ ވެރިކަމުގަ ހުންނަ މީހަކީ އިޚްލާސްތެރި، ތެދުވެރި، ވަފާތެރި، އިހުސާންތެރި، އިންސާފުވެރި، ގާނޫނަށް ބޯލަނބާ ހަރުދަނާ މީހަކަށް ވެގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"އަޅުގަނޑު މިއަދުގެ އާދޭހަކީ އަދި އިލްތިމާސްއަކީ އެކަން ކުރުމަށްޓާކައި ދިވެހި ރައްޔިތުން 23 ސެޕްޓެމްބަރު 2018 ވަނަ ދުވަހު ގައުމާއި ގާނޫނުއަސާސީގެ ދިފާއުގައި، ރައްޔިތުންގެ ދިފާއުގައި، އިސްލާމްދީނުގެ ދިފާއުގައި، އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައާއި ބޭއިންސާފުން ސަލާމަތްވެ ތިބުމަށްޓަކައި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސާލިހަށް ވޯޓްދެއްވުމެވެ. އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރެވޭނީ އަޅުގަނޑުމެން އެންމެން ގުޅިގެންކުރާ މަސައްކަތަކުންނެވެ" ގާސިމް ނެރުއްވި ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ