އެމްޑީޕީގެ ވެރިކަމެއްގައި، ދަރިއަކު ލިބުމުން މަންމައަށާއި ބައްޕައަށް ދޭ ޗުއްޓީ އިތުރުކުރަނީ

އެމްޑީޕީގެ ވެރިކަމެއްގައި، މިހާރު ވިހެއުމުން، ސަރުކާރުގެ އަންހެން މުވައްޒަފުންނަށް ލިބޭ ތިން މަހުގެ ޗުއްޓީ، ހަ މަހުގެ ޗުއްޓީއަކަށް ބަދަލުކޮށް، ފިރިހެނުންނަށް ލިބޭ ތިން ދުވަހުގެ ޗުއްޓީ، މަސް ދުވަހުގެ ޗުއްޓީއަކަށް ބަދަލުކުރާނެކަމަށް ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ، މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސް ގައެވެ. ކޮންގްރެސް ގައި ހާމަކޮށްފައިވާ ގޮތުން، މިކަން ހިމެނޭނީ މެނިފެސްޓޯގައި މައިގަނޑު ސިޔާސަތު ތަކުގެ ތެރެއިން، "އޯގާތެރި ސަރުކާރު" ދަށުގައެވެ.
މެނިފެސްޓޯގެ މި ސިޔާސަތުގެ ދަށުގައި ހިމެނޭ ކަންކަން ހާމަކުރަމުން، ޑރ. މުސްތަފާ ލުތުފީ ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރެއް އަތުވެއްޖެނަމަ، އެޕާޓީގެ ވެރިކަމެއްގައި އުފަންވާ ކޮންމެ ތުއްތު ކުއްޖަކަށް ހަދިޔާ ފޮށިގަނޑެއްވެސް ދޭނެކަމަށެވެ.
މީގެއިތުރުން، ސަރުކާރުގައި ގިނަ ދުވަސް ވަންދެން، ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް، ޕެންޝަން ދިނުމުގެ އުސޫލެއްވެސް ކަނޑައަޅާނެކަމަށް ބުނެފައިވެއެވެ.
އިދިކޮޅު މައި ޕާޓީން މިފަދަ ކަންތައްތަކެއް ހާމަކޮށްފައިވާއިރު، އެޕާޓީގެ ސަރުކާރެއްގައި ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ބޭރުގެ ފަނޑިޔާރުން ބައިތިއްބާ، ރާއްޖޭގައި އެފަރާތްތަކުން ހުކުމްކުރާ ގޮތަށް ކަނޑައަޅާނެކަމަށްވެސް ހާމަކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނެނީ މައިގަނޑު ފަސް ކަމެކެވެ. އެއީ، ޖަޒީރާ ރާއްޖެ، ނޫސް އިޤުތިޞާދު، ފަޚުރުވެރި އާއިލާ، އޯގާތެރި ސަރުކާރު އަދި އިންސާފެވެ. އެމްޑީޕީން މިކަންކަން އާއްމުކޮށްފައިވާއިރު، ކޯލިޝަން ސަރުކާރެއް އެކުލަވާލާނެފަދަ ސިގްނަލެއްވެސް ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ