އުއްތަމަ ފަނޑިޔާރު ކަމަށް ޑރ. ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަބްދުﷲ ދީދީ އާއި ޣަނީ އައްޔަން ކުރައްވައިފި

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.
އެ ތިން ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރައްވާ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާއެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔަރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ވަނީ އެމަޖިލީހުން ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއިންނެވެ.
ސަރުކާރުން ކޮންޓްރޯލްކޮށް، ޕީޕީއެމުން ހިންގާ މަޖިލީހުން ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ރުހުންދީފައި ވަނީ 85 މެންބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ތެރެއިން ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި ބައިވެރިވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.
އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ހައިކޯޓުގެ އިސް ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމަށް ވެސް މަޖިލީހުން ވަނީ ރުހުންދީފައެވެ. އެ ދެބޭފުޅުންނަށް ވެސް ރުހުންދީފައި ވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަބްދުﷲ ދީދީ އައްޔަން ކުރީ އެމަގާމުގައި ކުރިން ހުންނެވި އަބްދުﷲ ސައީދުގެ ފަނޑިޔާރުކަން ގެއްލުމާ ގުޅިގެން ކަމަށް ބުނެއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ވެސް ގެއްލިފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައެވެ. އެ ދެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ދައުލަތުގެ ފަރާތުން އެ ދެބޭފުޅުންގެ މައްޗަށް ކުރި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ސްޕްރީމް ކޯޓުން ވެސް އެ ހުކުމަށް ތާއީދު ކުރުމުންނެވެ. އެގޮތަށް ކަނޑައަޅާފައި ވަނީ ދާދި ފަހުން ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގައި ނިހާއީ ހުކުމެއް އިއްވައިފި ނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ. 
އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަންކުރި ޑރ. ދީދީއަކީ 2010 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ މަގާމުގައެވެ. ޑރ. ދީދީ ވަނީ 2008 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އޭނާ ޕީއެޗްޑީ ނެންގެވީ ވެސް ހަމަ އެ އަހަރުއެވެ.
އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ، ޑރ. ދީދީ މަތީ ތައުލީމު ހާސިލު ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. އޭނާ ހާއްސަވެފައި ވަނީ ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ރޮނގުންނާއި ކޮންސްޓިޓިއުޝަނަލް ލޯގެ ރޮނގުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ފަނޑިޔާރު ޢަބްދުލްޣަނީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުން 2011 ވަނަ އަހަރަށް އެ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާ ކުރެއްވީ ވެސް ފަނޑިޔާރު އަބްދުޣަނީއެވެ.
މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ފަނޑިޔާރު ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ. 
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަކީ 2015 ވަނަ އަހަރުގެ ޖޫން މަހު ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. އޭނާ ވަނީ ގއ. ދެއްވަދޫ އާއި ކ. ދިއްފުށީ ކޯޓާއި ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.
އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ކުރި ކްރިމިނަލް ކޯޓުގެ ތިން ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި އިސް ގާޒީއެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރީ ނަޝީދަށް ޖަލު ހުކުމް ކުރިތާ ތިން މަސް ވެސް ނުވަނީހެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ