އިދިކޮޅު އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ހޯދުމަށް އެމީހުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަސައްކަތް ފަށާފައިވާއިރު “ނޫ އިޤްތިސާދެއް”ގެ ވާހަކަ އެބަ ދައްކައެވެ. ރައްޔިތުން ވާވެއްދުމަށް އަބަދުވެސް މަސައްކަތް ކުރާ އެމްޑީޕީގެ “ނޫ އިޤްތިސާދު” ވަޢުދުގެ ޕޯސްޓަރަށް އެކަނި ބަލާލުމުން ވެސް ފޮރުވިފައިވާ އަޑި ނޭނގޭ ގިނަ ކަންތަކެއް ހުރިކަން ފާހަގަވެއެވެ.
އެގޮތުން ސިހުރު ކަމަށް ބެލެވޭ އެއްޗެއް އެ ޕޯސްޓަރުގައި ހިމަނާފައިވާއިރު، އެއިން ދޭހަކޮށްދެނީ ކޮން މާނައެއްކަން ބުނެދިނުމަށް އެމްޑީޕީން ވަނީ ނުކުޅެދިފައެވެ. ކުރިމަތިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން އެއީ އިހު ޒަމާނުގައި ދަތުރުފަތުރު ކުރުމުގައި ބޭނުންކުރި އެއްޗެއްގެ މިސާލެއް ކަމަށް އެމްޑީޕީގެ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
ސުވާލަކީ، އެމްޑީޕީން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމާއި ޤައުމުގެ މިސްރާބު ގެންދަން ބޭނުންވަނީ މީގެ އެތައް ސަތޭކަ އަހަރު ފަހަތަށް ހެއްޔެވެ؟ އެހެން ނޫންނަމަ އިހުޒަމާނުގައި ދަތުރުކުރާ ގޮތް ދައްކަން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
ސިހުރުގެ ކުޅިވަރު 2012 އިން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް އެމްޑީޕީން ކުޅުނު ކަމުގެ ހެކި ފެންނަން އެބަހުއްޓެވެ. އެހެންވެ އަނެއްކާ 2018ގެ ރިޔާސީ އިންތިހާބަށް ވެސް ސިހުރުގެ ކުޅިވަރު ކުޅެން އެމްޑީޕީން ފެށީ ހެއްޔެވެ؟
ދެން އޮތީ ނޫ އިޤްތިސާދުގެ ވާހަކައެވެ. “ބްލޫ އިކޮނޮމީ” އަކީ ދުނިޔޭގެ ޤައުމުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުން ކުރުމަށް އިސްކަންދޭ އިޤްތިސާދީ ނިޒާމަށް ކިޔައި އުޅޭ ނަމެވެ. އެ ނަން ބޭނުންކޮށްގެން އެމްޑީޕީން ދިވެހިންގެ ބޮލަށް ސަވާރުވާން މަސައްކަތް ކުރާއިރު، އެ ޕާޓީގެ ވެރިކަމުގައި ކަންތައް ކުރިގޮތް ބަލަމާ ހިނގާށެވެ.
ދިވެހިންގެ އިޤްތިސާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ދާއިރާ ހުޅުވާލީ ބޭރުގެ ބޮޑެތި ބޯޓު ފަހަރަށެވެ. ދާ ޖަހައިގެން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ފުރުސަތު ބޭރުގެ ބޯޓުތަކަށް ނަޝީދުގެ ސަރުކާރުން ދިނީ، “ބްލޫ އިކޮނޮމީ” ނުވަތަ ނޫ އިޤްތިސާދުގެ ދަށުން ހެއްޔެވެ؟
އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ ވަސީލަތްތައް ބޭނުންކުރެވުނީ ނަހަމަ ގޮތުގައެވެ. މިއަދު އަނެއްކާވެސް “ނޫ އިޤްތިސާދު” ލޭބަލް ޖަހައިގެން ވެރިކަމަށް އައިސް ހާވަން އުޅެނީ އެ ހަޑިއެވެ. ރާއްޖޭގެ ކަނޑުތައް ވިއްކުމަށާއި އަދި ހަރު މުދާ ބޭރުގެ ފަރާތްތަކަށް ވިއްކަން ތައްޔާރަށް ތިބި ބަޔަކު “ނޫ އިޤްތިސާދޭ” ކިޔައިގެން ރައްޔިތުން ވާވައްދަން އުޅޭނެ ކަމެއް ނެތެވެ. އެކަމެއް ނުވާނެއެވެ.
ނޫ އިޤްތިސާދޭ ކިޔައިގެން ރައްޔިތުން ވާވައްދަން ނޫޅޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ