ރާއްޖެއަކީ އަމާންތަނަކަށް ހެދޭނީ ސަރުކާރު ހިންގަން ލިބިގެން - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ އަބަދުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ރައްކާތެރިވެ އެމިނިވަންކަމާއި ސިޔާދަތު ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނެ ޕާޓީއެއް ކަމަށާއި ރާއްޖެއަކީ އަމާންތަނަކަށް ހެދޭނީ ޕީޕީއެމް ސަރުކާރަށް އައިސް ސަރުކާރު ހިންގަން ލިބިގެންކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ދާއިމީ ރައީސްކަމަށް ކުރިމަތިލައްވާފައިވާ މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ މިދިވެހިރާއްޖޭގައި އޮތް ޑިމޮކްރަސީ ހަރުދަނާކޮށް ޑިމޮކްރަސީ ގައި ލިބެންޖެހޭ ހައްގުތަކާއި ވަސީލަތްތައް ދިވެހި ރައްޔިތުންނަށް ހޯދާދޭން މަސައްކަތްކުރާނެ ޕާޓީ ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީގޮތުން ކުރިއެރުންތައް ހޯދާދޭން އަބަދުވެސް ޕީޕީއެމްއިން މަސައްކަތްކުރާނެ ކަމަށެވެ.
ޕީޕީއެމް އުފައްދަން ޖެހުނު މައިގަނޑު ސަބަބަށް އަލިއަޅުއްވާލައްވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އުފައްދަން ޖެހުނީ އޭރު އޮތް ސަރުކާރު ރާއްޖޭގެ ގާނޫނު އަސާސީ އާއި ހިލާފަށް އަދި ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް އަމަލުކުރެއްވުމާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމާއި ރާއްޖޭގެ ގައުމިއްޔަތާއި މާތްވެގެންވާ އިސްލާމްދީނަށް އުނިކަން އަންނަ ގޮތަށް ކަންތައްތައް ހިނގަމުންދިޔުމުން ކަމަށެވެ.
"ދިވެހިރާއްޖޭގެ އިގްތިސޯދު ވަރަށް ފުން ވަޅުގަނޑަކަށް ވެއްޓިގެންދިއުމާއި އެކި ގޮތްގޮތުން ރާއްޖޭގައި ކުށްކުރުން ގިނަވުމާއި އަމަންއަމާންކަން ގެއްލުމާއި މިހުރިހާ ކަމެއް ވެސް ހިނގަމުންދިޔައީ އޭރުގެ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ ސަރުކާރު ޒިންމާދާރުކުރުވާނެ ރެސްޕޮންސިބަލް އިދިކޮޅު ޕާޓީއެއް ގައުމަށް ބޭނުންވެފައިވާލެއް ބޮޑުކަމުން." ޕީޕީއެމް އުފައްދަންޖެހުނު ސަބަބު ހާމަކުރައްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީ އުފައްދައިގެން މިވޭތުވެދިޔަ 1 އަހަރާއި 3 މަސް ދުވަސްތެރޭގައި ވަނީ ވަރަށް ގިނަގުނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށާއި ޕީޕީއެމްއަށް ލިބޭ ކާމިޔާބީތަކުގެ ސިއްރަކީ ދިވެހި ރާއްޖޭގެ ރައްޔިތުން  ޕާޓީއަށް ދެއްވާ އިތުބާރު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރު ޒިންމާދާރުކުރުވުމުގެ ގޮތުން 2011  ވަނަ އަހަރު ފަހުކޮޅުން ފެށިގެން 2012 ވަނަ އަހަރުގެ  2012 ވަނަ އަހަރު ފެބްރުއަރީ އާއި ހަމައަށް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިވެހި ރައްޔިތުން ބޭއްވި ހުރިހާ މުޒާހަރާތަކެއްގައި ޕީޕީއެމް ބޮޑު ހިއްސާއެއް އަދާކޮށްފައިވެ އެވެ.
އޭރު ލިބެމުންދިޔަ ހިތްދަތިކަމާއި ވޭނުން ހިންދަމާލެވުނީ އޭރު ރައްޔިތުންގެ މަޖިލިސް އައި މަޖިލިސް ބޭރުން ކުރެވުނު މަސައްކަތުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"2011  ވަނަ އަހަރު ފަހުކޮޅުން ފެށިގެން 2012 ވަނަ އަހަރުގެ  ފެބްރުއަރީ އާއި ހަމައަށް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ދިވެހި ރައްޔިތުން ބޭއްވި ހުރިހާ މުޒާހަރާތަކެއްގައި ޕީޕީއެމް ވަނީ ވަރަށް ބޮޑު ހިއްސާއެއް އަދާކޮށްފައި، މުޒާހަރާތަކުގައި ވަރަށް ބޮޑު އިސް ދައުރެއް ޕީޕީއެމްއިން ވަނީ ކުޅެފައި، އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވުމާއި ގުޅިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމާއި ގާނޫނީ ގޮތުގެ މަތިން ހަވާލުވެވަޑައިގަތުމަށްފަހު އުފެއްދެވި އިއްތިހާދެއްގައި ސަރުކާރުގައި ވެސް އަޅުގަނޑުމެން މިދަނީ ބައިވެރިވަމުން." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމް އަބަދުވެސް ހިންގާނީ ޑިމޮކްރެޓިކް އުސޫލުން ކަމަށާއި އޭގެ އެއް ހެއްކަކީ ޕާޓީ އުފެދުނު ފަހުން މިހާތަނަށް ކައުންސިލްގެ 40 ބައްދަލުވުން ބާއްވާފައިވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަކީ ވަކި ބަޔަކު ނުވަތަ ވަކި މީހަކު ބޭނުންވާ ގޮތަށް ހިންގާ ޕާޓީއެއް ނޫން ކަމަށާއި އެންމެންގެ ބައިވެރިވުމާ އެކު ހިންގަމުންދާ ޕާޓީއެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެ ޕާޓީން ކާމިޔާބުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ އިންތިހާބު ކާމިޔާބުކުރުމަކީ ޕީޕީއެމްގެ ހުރިހާ އުއްމީދުތަކެއް ހާސިލްވުން ނޫން ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދިނުމުގެ ފެށުން ކަމަށް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއް ބަޔަކަށް ކާމިޔާބު ވާނެ ކަމަށާއި އަނެއް ބަޔަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެކަން ބަލައިގަންނަން ޖެހޭ ކަމަށާއި އޭގެ ސަބަބުން ޕާޓީގެ ވަހުދަތަށް ބުރުލެއް ނާރާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގައި 22،000 މެންބަރުން ތިއްބަސް ޕާޓީގައި އެއަށްވުރެން  މެންބަރުންގެ އަދަދު ގިނަ ކަމަށާއި އެއަދަދުތައް އިލެކްޝަންސް ކޮމިޝަންގައި ހިމެނި  ވަރަށް އަވަހަށް ޕީޕީއެމްގެ މެންބަރުންގެ އަދަދު 30،000 އަށް އަރާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ