ރައްޔިތުންގެ ފައިދާއަށް އަޅުގަނޑުގެ ލޭ އޮހޮރުވަން މިހުރީ ތައްޔާރަށް - ގާސިމް

ގައުމުގެ ހައްގުގައި އާއި ރައްޔިތުންގެ ކުރިއެރުމާއި ފައިދާއަށްޓަކައި މިބިމަށް ލޭ އޮހޮރުވަން ތައްޔާރަށް ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން އާޓިފިޝަލް ބީޗުގައި ގިނަ އަދަދެއްގެ ބަޔަކާއި އެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އޭނާ ނުކުރާނެ ކަމެއް ނޯންނާނެ ކަމަށާއި މިގައުމުގެ ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ގެނެސްދިނުމަށްޓަކައި ވެސް ނުކުރާނެ ހަމަ އެއްކަމެއް ވެސް ނޯންނާނެ ކަމަށެވެ.
"ގައުމުގެ ހައްގުގައި ރައްޔިތުންގެ ކުރިއެރުމާއި ފައިދާއަށްޓަކައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުގެ ލޭވެސް މިބިމަށް އޮހޮރުވަން މިހުރީ ތައްޔާރަށް، އެހެންވީމަ އަޅުގަނޑު ނުކުރާނެ ކަމެއް ނޯންނާނެ، މިގައުމަށް، ރައްޔިތުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ގެނެސްދިނުމަށްޓަކައި އަޅުގަނޑު ނުކުރާނެ އެއް ކަމެއް ވެސް ނޯންނާނެ، އަޅުގަނޑުގެ ލޭވެސް އޮހޮރުވަން މިހުރީ ތައްޔާރަށް، އަޅުގަނޑު މިވާހަކަ މިދަންނަވަނީ މާތް ﷲ ގަންދީ ހުވާކޮށްފައި." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ނުބައި ރޮނގަކުން ނުދިއުމަށާއި ފަސާދަ ނުއުފެއްދުމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީން ބޭނުންވަނީ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށާއި އެގޮތުން ކުރިއަށް އޮތް ރިޔާސި އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ކޮންމެ ޕާޓީއަކާއެކުވެސް ކޯލިޝަން ހެއްދެވުމަށް ހުންނެވީ ތައްޔާރަށް ކަމަށެވެ.
އެގޮތުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދާއި އަދި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާއިއެކު މަޝްވަރާތައް ބޭއްވިފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަދި ޖުމްހޫރީ ޕާޓީން ތިބީ ވާހަކަ ނުދައްކަން ތިބި ބަޔަކާއި ވެސް ވާހަކަދައްކަން ތައްޔާރަށް ކަމަށާއި ނަމަވެސް އެ އުސޫލު ވާންވާނީ ދިވެހި ދައުލަތަށް ފައިދާހުރި ކަންތައްތަކެއް އެކުލެވިގެންވާ ގޮތްތަކަކަށް ކަމަށެވެ.
"ތިމާމެން އެއްބަސްވާ އެއްބަސްވުންތަކަށް ހިލާފު ނުވާ ބަޔަކަށް، އަޙްދެއް ވެއްޖެއްޔާ އެއަށް ހުރުމަތްތެރިކޮށް ހިތަން ، ވައުދެއް ވެއްޖެއްޔާ އެކަން ކަށަވަރުކުރަން، ދިވެހި ރައްޔިތުންނަށްޓަކައި ﷲ ވަޖުހަފުޅަށްޓަކައި، މި އުންމަތުގެ ސަލާމަތަށްޓަކައި މާތްވެގެންވާ އިސްލާމް ދީނާއި ނަސްރު ދިނުމަށްޓަކައި، މިކަން އަޅުގަނޑުމެން ކުރަނީ، އެހެންވީމާ އެއާއި ހިލާފަށް އަންނަންޏާ އަޅުގަނޑު ދަންނަވާނީ ހޯހޯ އޭ، އެކަމެއް ނުކުރެވޭނެއޭ،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީ އާއި ބެހޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީން އެންމެ ފުރަތަމަ އެކުލަވާލި އަސާސީ ގަވައިދަކީ އެމަނިކުފާނު ފަންޑު ކުރައްވައިގެން ކުރީގެ ބަންޑާރަނައިބު ޙުސްނުއްސުއޫދުއާއި މިހާރުގެ ޕްރޮސެކިއުޓާ ޖެނަރަލް އަޙްމަދު މުއިއްޒު އެކުލަވާލައްވާފައިވާ އަސާސީ ގަވައިދެއް ކަމަށާއި އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ އެމަނިކުފާނު ކަމަށެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ބޭފުޅުންނާއި ބެހޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މެންބަރު އިލްހާމް އާއި އޭނާގެ އަނބިކަނބަލުންނާއި ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީންއާއި އަދި އެހެން ބައެއް ދާއިރާ ތަކުންވެސް ފާހަގަކޮށްލެވޭ ބޭފުޅުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަދި އެއީ ޖުމްހޫރީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާ އެއީ ޖުމުހޫރީ ޕާޓީގެ މިސްރާބު ރަނގަޅުކަން ދައްކުވާއިދޭ އަލިގަދަ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި، ބައެއް ކައުންސިލަރުންނާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނި ތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޑިރެކްޓަރުންނާއި އަދި މަޝްހޫރު ފިލްމީ ފަންނާނުންވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ