ރާއްޖެ ޓީވީއަކީ ދޮގު ހަބަރު ފެތުރުމުގައި ދެވަނައެއް ނުވާ ޓީވީއެއް - ޕީޕީއެމް

ޕީޕީއެމްއަކީ މިނިވަން ނޫސްވެރިކަމަށް އަބަދުވެސް ތާއިދުކުރާ ޕާޓީއެއް ކަމަށާއި ނަމަވެސް ރާއްޖެ ޓީވީއަކީ ދޮގު މައުލޫމާތާއި ދޮގު ހަބަރު ފެތުރުމުގައި އެފަދަ ދެވަނައެއް ނުވާ ޓީވީއެއް ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ޕޯޑިއަމްގައި ބަހައްޓާފައި ހުރި ރާއްޖެ ޓީވީގެ މައިކް ނެގީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ގޮތުން ނޫން ކަމަށާއި ޕީޕީއެމްއަކީ އަބަދުވެސް މިނިވަން ނޫސްވެރިކަމަށް ތާއީދުކުރާ ޕާޓީއެއް ކަމަށެވެ.
އެބަޔާނުގައި ވަނީ އެރޭގެ ޖަލްސާއަށް ޕީޕީއެމްއިން ރާއްޖެ ޓީވީއަށް ދައުވަތު އަރުވާފައިވެސް ނުވާނެ ކަމަށާއި ޕޯޑިއަމްގައި ރާއްޖެ ޓީވީގެ މައިކް ބެހެއްޓީ އެކަމުގެ ހުއްދަ ނުހޯދާ ކަމަށެވެ.
"ޕީޕީއެމްގެ އަގު ވެއްޓޭ ގޮތަށް ރައްޔިތުންގެ މެދުގައި ޕީޕީއެމާއި މެދު ނަފްރަތު އުފެދޭ ގޮތަށް ދޮގު ޙަބަރުތައް ރާއްޖެ ޓީވީން ގެންދަނީ ފަތުރަމުންނެވެ." ޕީޕީއެމް ބަޔާނުގައިވެ އެވެ.
ޕީޕީއެމްއިން ބުނީ އެ ޕާޓީން 22 ފެބްރުއަރީ ގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ މީހުން މެރުމަށް ގޮވާލިކަމަށް ބުނެ ރާއްޖެ ޓީވީން ކަނޑައެޅިގެން ދޮގު ހަބަރު ފަތުރާފައިވާ ކަމަށާއި، އެ މައްސަލަ އެ ޕާޓީގެ ފަރާތުން މިހާރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ރާއްޖެ ޓީވީއާ މެދު ޕީޕީއެމުން އަމަލުކުރި ކުރުންކުށްވެރިކޮށް އެމްޑީޕީން ވަނީ ބަޔާނެއް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ