ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން ނަޝީދު ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ ވަގުތުން ވަގުތަށް ދޫކޮށްލުމަށް ނަޝީދުގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލައިގައި އެމަނިކުފާނު ވަގުތުން ވަގުތަށް ދޫކޮށްލުމަށް އަމުރެއް ނެރެދީފައިނުވާ ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން ބުނެފި އެވެ.
ރޭ ނަޝީދުގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލައިގައި ނަޝީދު ހައްޔަރުކޮށްފައި ވަނީ ގަނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި މިހިނދުން މިހިނދަށް އެމަނިކުފާނު ދޫކޮށްލުމަށް އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވިދާޅުވީ "ހެބިއަސް ކޯޕަސް" އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން އެންގީ މިމައްސަލާގައި އަޑުއެހުމެއްވެސް ބޭއްވުމަކާއި ނުލައި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ހުޅުމާލެ ކޯޓުގައި ހިނގާ ޝަރީއަތާއި ގުޅިގެން މިއަދު ހަވީރު 4 ޖަހާއިރަށް ޝަރީޢަތުގެ މަޖުލީހަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ހުޅުމާލޭ ކޯޓުން ކުރި އަމުރު ތަންފީޒުކުރުމުގެ ގޮތުން ނަޝީދު އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އެވެ.
އިއްޔެ 13:30 ހާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމަނިކުފާނު ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ އިރުމަތީ މަގުން ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް ކޯޓު އަމުރު ދެއްކުމަށްފަހުއެވެ. ނަމަވެސް އެމަނިކުފާނު ކޯޓު އަމުރާއި ޙަވާލުވެވަޑައިގެންފައެއް ނުވެއެވެ.
ނަމަވެސް ހިސާން އިއްޔެ ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއް ދެއްކުމެއް ނެތި ކަމަށާއި އެހެންކަމުން އެމަނިކުފާނު ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.
ފުލުހުން ބުނީ އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ކޯޓުއަމުރު އޮތްކަން އެމަނިކުފާނަށް އަނގަބަހުން ދަންނަވައި ޤާނޫނީ ގޮތުން އަންގަންޖެހޭ އެންމެހައި އެންގުންތައް އަނގަބަހުން އެމަނިކުފާނަށް އެންގުމަށް ފަހު ކަމަށެވެ.
ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން މާލޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފުލުހުންނަށާއި ނޫސްވެރިންނަށް އަނިޔާވެފައިވެ އެވެ. އަދި އާންމުންގެ މުދަލަށާއި ފުލުހުންގެ ވެހިކަލަށް ގެއްލުންދީފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.
ނަޝީދު ވަގުތުން ވަގުތަށް ދޫކޮށްލުމުގެ އަމުރެއް ކޯޓުން ނެރެނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ