ނަޝީދަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެކަމަށް އދ އިން ކަނޑައަޅާނެ - ޑރ.ޝަހީދު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނަކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން މިއަހަރު ކަނޑައަޅާނެކަމަށް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އދގެ ޚާއްސަ ރެޕަޓުއަރގެ މަޤާމު ފުރުއްވާ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު އަންގާރަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމެޓީއިން އެގޮތަށް ކަނޑައެޅުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ޖެހިވަޑައިގަންނަވާނީ އިންތިޚާބެއް ނުބާއްވާނެކަމަށް ކަނޑައަޅަންކަމަށެވެ.
އެހެން ނަމަވެސް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީގެ ނިންމުންތަކަށް ތަބާވާނެކަމަށް 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިޤްރާރުވެ، ދިވެހި ރާއްޖެއިން ސޮއެކޮށްފައިވާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް ނަޝީދު ބޭރުކުރި ގޮތަށް، 2018 ގައި ބޭރުކުރަން ޖާގަ ދީގެން ނުވާނެކަމަށާއި، "ވިހަލީ މޭވާ ކާކަށް ނުވާނެ" ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ ސަރުކާރަށް ޕްރެޝަރކުރުމުގެ ހައްޤު ކޮންމެ ރައްޔިތަކަށް އޮންނާނެކަމަށެވެ. ސަބަބަކީ އާބާދީގައި ހަތަރު ލައްކަ ކިރިޔާ ހަމަވާ ޤައުމަކަށް އިންސާނީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާފުވެ، އޭގެ ނަތީޖާތަކާއި ބައްދަލުނުވެ މާގިނަ ދުވަހު ދެމި ނޯވެވޭނެތީކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް މިނިވަންކުރުމަށް އދއިން ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ކުރި އަމުރަށްވެސް ދިވެހި ސަރުކާރުން ތަބާވެފައިނުވާ ކަމަށް ބުނެ ރާއްޖެ ޓީވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަންގާރަ ދުވަހުގެރޭ ޑރ.ޝަހީދު ވިދާޅުވީ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ތަންފީޒުކުރުމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނެރޭ އަމުރުތަކަށް ތަބާވުން، މުޢާޙަދާގައި ސޮއެކޮށްފައިވާތީ ރާއްޖޭގެ މައްޗަށް ލާޒިމްވާކަމަށާއި، މިއީ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި ތަފާތު މެކޭނިޒަމެއްކަމަށެވެ.
ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވުނަ ނުދޭން މަސައްކަތްކުރަނީ ރައީސް ނަޝީދާއި ވާދަކޮށް ބަލިވާނެކަން ރައީސް ޔާމީނަށް ޔަޤީންވެވަޑައިގަންނަވާތީކަމަށާއި އަދި ސަރުކާރު "ބޭޒާރުވެ، އޮރިޔާންވުން" ނޫން ކަމެއް އެކަމުގައި ނުވާނެކަމަށް ޝަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ