ކުރީގެ ޑެޕިއުޓީ ޕީޖީ ޝަމީމު ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމު ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ޝަމީމަށް ވެސް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށެވެ.
ޝަމީމުގެ އިތުރުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިނަށް ވެސް ވަނީ ޝަމީމާ އެއްގަޑިއެއްގައި ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފަ އެވެ.
މެންބަރު އަލީ ހުސައިނާއި ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުކުރާ ވަކި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައި ތިއްބަވާތާ އެތައް މަސްތަކެއް ފަހުން މި ދެ ބޭފުޅުންގެ ތެރެއިން ޝަމީމްގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ ޖެނުއަރީ މަހުގެ 16 ވަަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އަނެއްކާވެސް ޝަމީމް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަލީ ހުސައިންގެ ސަސްޕެންޝަން އުވާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އަލީ ހުސައިނާއި ޝަމީމަކީ ފުލުހުންނާއި ޝަރުއީ ދާއިރާގެ ބައެއް ނިންމުންތަކަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ